މެމްބަރުން މަޖިލީހަށް ވަނުމަށް އެދި ރައްޔިތުން އާދޭސް ކުރުމަށް ނިހާން އެދިވަޑައިގެންފި

ފެބްރުއަރީ 20، 2018: ޕީޕީއެމް އިން "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަނުމަށް މަސައްކަތްޕުޅު ކުރައްވާތީ އެހެން ނުހެއްދެވުމަށް އެދި އާދޭސް ދެންނެވުމަށް ރައްޔިތުންގެ ކިބައިން ނިހާން އެދި ވަޑައިގެންފި އެވެ.

ރޭ ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން އެހެން ވިދާޅުވީ މަޖިލީހުގެ ކުރިއަށް ގިނަ މަސައްކަތްތަކެއް ހުރި ކަން ފާހަގަކުރެއްވުމަށް ފަހު އެވެ.

"އާދޭހާ އެކު ދިވެހި ރައްޔިތުންގެ ކުރިމަތީގައި އަޅުގަނޑު ދަންނަވާލާނަން މި މަސައްކަތަށް އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން ފޮނުއްވި ބައެއް މެމްބަރުން މަޖިލީހުގެ ތަޅުމަށް ވަޑައި ނުގެން ބޭރުގައި ތިއްބަވައިގެން މިކުރައްވާ މަސައްކަތަށް ނިމުމެއް ގެނެސްދެއްވުމަށް ރައްޔިތުންވެސް މަސައްކަތްޕުޅު ކޮށްދެއްވަން ވެއްޖޭ،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ޕީޕީއެމް އެމްޑީއޭގެ މަޖިލީހުގެ މެމްބަރުން ކޮންމެ ދުވަހަކުވެސް މަޖިލީހުގައި ރައްތިޔުންނަށްޓަކައި މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ މި ދައުރުގައި މަޖިލީހުގައި މުހިންމު ގިނަ ގާނޫނީ މަސައްކަތްތަކެއް ކުރަން އެބަހުރި ކަމަށެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެންނަ އިސްލާހުގެ މަސައްކަތްތަކާ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ގިނަ ކަންކަން ހުރި ކަމަށް ނިހާން ވިދާޅުވި އެވެ.

ނިހާން އެހެން ވިދާޅުވި އިރު މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ރޭ ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ބޮއިކޮޓް ކުރައްވާފަ އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވީ އެ ޖަލްސާ ބޮއިކޮޓް ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ބާއްވާ ޖަލްސާއަކަށް ވާތީ ކަމަށެވެ.

އޭގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހަށް ހުށަހަޅާ ކުރިއަށް ގެންދިޔަ ދެ ޖަލްސާއަށްވެސް އިދިކޮޅު މެމްބަރުން ވަޑައިގެންފައެއްނުވެ އެވެ.

comment ކޮމެންޓް