ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނުނެގޭނެ، އެއީ ނަނާ ހުވަފެނެއް: ޢަބްދުއްރަޙީމް

ރައީސް މުއިއްޒާ އެކު ޢަބްދުއްރަޙީމް: އިތުބާރު ނެތްކަމުގެ ވޯޓަކީ ނަނާ ހުވަފެނެއް ކަމަށް އެ މަނިކުފާނު ވިދާޅުވި -- ފޮޓޯ/ ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގިޔަ ނުދެއްވާނެ ކަމަށާއި އެއީ އިދިކޮޅު ފަރާތްތަކުން ދެކޭ ނަނާ ހުވަފެނެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދުގެ ކެމްޕޭން އިފުތިތާހުކުރަން ރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޢަބްދުއްރަޙީމް ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަކީ އިދިކޮޅުން ދެކޭ "ނަނާ ހުވަފެނެކެވެ".

"އަޅުގަނޑު މިރޭ ދަންނަވައިލަން ބޭނުންވަނީ ނަނާ ހުވަފެން ނުދައްކަވާށޭ، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ތި ބޭފުޅުންނަކަށް ނުނެންގެވޭނެޔޭ، އެކަން ކުރަން އަޅުގަނޑުމެންނަށް ފުރުސަތެއް ނުދޭނަމޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ: އެ މަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމަށް ވޯޓެއް ނެގިޔަ ނުދެއްވާނެ ކަމަށް --- ފޮޓޯ/ ޕީއެންސީ

ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވިއިރު، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޮތް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ހުށަހަޅައިފައިވަނީ ނާޒި މާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅުއްވާތީ ކަމަށެވެ.

އާޓިފިޝަލް ބީޗުގައި އޮތް 'ބޮޑު ބަދަލު' ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ނާޒިމްގެ މައްޗަށް ވެރިކަންކުރާ ޕީއެންސީގެ އިތުބާރު ގެއްލިގެން އުޅޭ ސަބަބެއް އަދިވެސް ހާމަނުކުރާ ކަމަށެވެ.

"އަޅުގަނޑަށް އެނގޭ އެއީ 23 މަޖިލީހުގެ މެންބަރުން ރޮނގު ހުރަސްކުރާތީވެއޭ، އާދެ، ނާޒިމާ އެކުގައި ރޮނގު ހުރަސްކުރާތީވެ، ޕާޓީ ބަދަލުކުރަން އުޅޭތީވެ، ރައީސުލްޖުމްހޫރިއްޔާއަށް އިތުބާރު ނެތް ކަމަށް ވޯޓު ނަންގަވަން އުޅުއްވާތީވެ،" ނަޝީދު ވިދާޅުވިއެވެ.

https://sun.mv/222347

މީގެ އިތުރުން، މި ސަރުކާރު ޖަވާބުދާރީކުރުވަން އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން މަސައްކަތްކުރާ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށާއި ހުސްވެފައިވާ އައްޑޫ ހިތަދޫ ދާއިރާގެ ގޮނޑިއަށް އައްޑޫގެ ކުރީގެ މޭޔަރު ޢަބްދުالله ޞާދިޤް (ސޯބެ) ހޮވުނަސް އެމްޑީޕީއަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެެވެ.

"ރައްޔިތުންގެ މަޖިލީހުގެ ތެރެއަކުންނެއް ސަރުކާރު ޖަވާބުދާރީކުރުވަން މާ ބޮޑު މަސައްކަތެއް މިހާރު ތިއްބެވި އެމްޑީޕީ މެންބަރުންނަކަށް ނުކުރެވޭ، ނުކުރައްވާ، އޭގެ ތެރެއަށް ޢަބްދުالله ޞާދިޤް ވަޑައިގެން އިތުރަށް ކުރެވޭނެ ކަމެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އައްޑުއަށް ތަރައްގީ ގެނެސްދެވޭނީ މި ސަރުކާރަށް ކަމަށް ވިދާޅުވެ، ޢަބްދުއްރަޙީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތް ކަމަށް އެންމެ ފުރަތަމަ ސޮއިކުރާނެ މެންބަރެއް ރައްޔިތުންގެ މަޖިލީހަކަށް ބޭނުމެއްނުވާ ކަމަށެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ އިދިކޮޅު ފަރާތްތަކުން ދެކޭ ނަނާ ހުވަފެނެއް ކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން އެކަން ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވަނީ ޔަގީންކަން ދެއްވާފައެވެ.

  • ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުގެ ފުރުސަތެއް މަޖިލީހަކުން ނުދޭނެއެވެ.
  • މިއީ އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަން ކެމްޕޭން ޖަލްސާގައި ދެއްކެވި ވާހަކަފުޅެކެވެ.
  • ރައީސް ނަޝީދު ވަނީ ޕީއެންސީގެ 23 މެންބަރަކު ރައީސްއާ ދެކޮޅަށް ވޯޓު ނަގަން އުޅޭކަމަށް ތުހުމަތުކުރައްވާފައެވެ.
  • ސަރުކާރު ޖަވާބުދާރީކުރުވުމުގައި އިދިކޮޅު އެމްޑީޕީ ވަނީ ނުކުޅެދިފައިކަމަށް ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.
  • ރައީސް މުޢިއްޒުގެ މަގާމުގެ ދިފާއުގައި ސަރުކާރު ހިންގާ ޕާޓީ އޮތީ ސާބިތުކޮށެވެ.
  • އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ރޭވުންތަކަށް މަޖިލީހުގެ ތެރެއިން ޖާގައެއް ނެތެވެ.
  • އައްޑޫ ސިޓީގެ ތަރައްޤީ ޔަގީންކޮށްދެވޭނީ މި ސަރުކާރަށެވެ.
comment ކޮމެންޓް