ރައީސް ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ބައްދަލުކުރައްވަން: ނަޝީދު

މަޖިލީހުގެ ނައިބު ރައީސް ނާޒިމާއި ރައީސް މުއިއްޒު: ނަޝީދު ވިދާޅުވަނީ ރައީސް ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ބައްދަލުކުރައްވަން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ރޭ ބުނީ، ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ވަޑައިގަތީ އިއްޔެ ކަމަށެވެ. ނަމަވެސް އެ ދަތުރުފުޅުގެ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.

ނަޝީދުގެ ނުރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވަނީ، ރައީސް ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ވާހަކަފުޅު ދެއްކެވުމަށް ކަމަށް ޚަބަރު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް ނާޒިމް، އެމަނިކުފާނާ ވާހަކަދައްކަފާނެ ކަމަށް ނުބެއްލެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ނާޒިމް [ރައީސް] ޑރ. މުޢިއްޒާ ވާހަކަ ދައްކަވާނެ ކަމަކަށް ލަފައެއް ނުކުރެވޭ،" އެމަނިކުފާނު ލިޔުއްވި ޕޯސްޓުގައިވެއެވެ.

ނަމަވެސް ނަޝީދުގެ މި ޕޯސްޓާ ގުޅިގެން ސަރުކާރުގެ ބަހެއް ލިބޭ ގޮތެއް އަދި ނުވެއެވެ.

ނަޝީދު މިފަދައިން ވިދާޅުވިއިރު، މަޖިލީހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ޕީއެންސީގެ މެންބަރުން މަސައްކަތްކުރަނީ، ނާޒިމާއެކު ޕީއެންސީގެ 23 މެންބަރަކު ޕާޓީ ބަދަލުކުރައްވައި، ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން އުޅުއްވާތީ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/222347

އެކަމަކު ވެރިކަންކުރާ ޕީއެންސީން ވަނީ ނަޝީދުގެ ވާހަކަފުޅުތައް ދޮގުކުރައްވައި، ނަޝީދަށް ރައްދު ދެއްވައިފައެވެ.

އެގޮތުން އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ، ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ މަޖިލީހުން އެކަން ކުރިޔަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ.

ޢަބްދުއްރަޙީމަށް ދެއްވި ރައްދުގައި ނަޝީދު ވަނީ، މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާ އެކު ރައީސް މުޢިއްޒު މަގާމުން ވަކިކުރަން ހުށަހެޅުމުން ޖެހޭނީ ވޯޓަށް އަހަން ކަމަށާއި، އެއީ އިޚުތިޔާރުގައި އޮންނަ ކަމެއް ނޫން ކަމަށް، 'އެކްސް'ގައި ލިޔުއްވައިފައެވެ.

https://sun.mv/222446

ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ނިންމީ މިމަހުގެ 13ވާ ބުދަ ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. އެކަމަކު، ކުއްލި ގޮތަކަށް ނާޒިމަށް އޮތް އިތުބާރު ގެއްލުނު ސަބަބު އަދިވެސް ހާމައެއް ނުކުރެއެވެ.

ޕީއެންސީގެ އިސް މެންބަރަކު މީގެ ކުރިން ވިދާޅުވި ގޮތުގައި ނާޒިމަށް ވަނީ އިސްތިއުފާ ދޭން އަންގާފައެވެ. އެކަމަކު، އޭނާ އެ ކަމަށް ދެކޮޅު ހެއްދެވީއެވެ. ނާޒިމް ވަކިކުރަން ނިންމީ އެހެންވެއެވެ.

https://sun.mv/221984

ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ޕީއެންސީން ހުށަހެޅި ގަރާރުގައި ވަނީ ނާޒިމް މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

މީގެ އިތުރުން، މަޖިލީހުގެ މެންބަރުންނަށް މަތިކޮށްފައިވާ ވާޖިބުތައް އަދާކުރަން ނާޒިމަކީ ހުރަހަކަށް ވެފައިވާ ކަމަށް ވެސް އެ ގަރާރުގައިވެއެވެ.

"މަގާމުގެ ނުފޫޒުން ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، ވަކި ފަރާތަކަށް ބުރަވެ މަސްލަހަތު ގެއްލޭ ގޮތަށް ތަކުރާރުކުރަމުން ދާތީއާއި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މަސައްކަތްތަކުގައި ވަކި ސިޔާސީ ފިކުރަކަށް ބުރަވެ، ތައައްސުބުވެފައިވުމުގެ އިތުރުން މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަޖިލީހުގެ ނައިބު ރައީސް ހިތްވަރު ދީ، ޒިންމާއިން ބަރީއަވެފައިވާތީ،" މައްސަލަ ހުށަހެޅި ސަބަބުގެ ގޮތުގައި ގަރާރުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސިންގަޕޫރަށް ކުރައްވާ ނުރަސްމީ ދަތުރުފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މި ބައްދަލުވުމަށް ނާޒިމް އިޖާބަދެއްވާނެ ކަމަށް ގަބޫލުފުޅުނުކުރައްވާ ކަމަށް ނަޝީދު ފާހަގަކުރައްވާފައިވެއެވެ. ސަރުކާރުން މިކަމާ ގުޅިގެން ރަސްމީ އެއްވެސް ބަހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މި ދަނޑިވަޅަކީ ސަރުކާރު ހިންގާ ޕީއެންސީގެ ތެރޭގައި ސިޔާސީ ގޮތުން ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ވަގުތެކެވެ. ނާޒިމް އިސްވެ ހުންނަވައިގެން ޕީއެންސީގެ ތޭވީސް މެންބަރަކާއެކު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދުމަށް މަސައްކަތްކުރައްވާ ކަމަށް ނަޝީދު ތުހުމަތުކުރައްވާއިރު، ޕީއެންސީން ވަނީ މިކަން ދޮގުކޮށްފައެވެ. ހަމައެއާއެކު، ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ.

  • ރައީސް މުޢިއްޒު ސިންގަޕޫރަށް ވަޑައިގަތީ ނާޒިމާ ބައްދަލުކުރެއްވުމަށް ކަމަށް ނަޝީދު ތުހުމަތުކުރެއްވުން.
  • ނާޒިމާއެކު ޕީއެންސީގެ ތޭވީސް މެންބަރަކު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭކަމަށް ކުރެވޭ ތުހުމަތު.
  • ޕީއެންސީގެ ލީޑަރޝިޕުން ނަޝީދުގެ ވާހަކަތައް ދޮގުކޮށް، މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ އަޣުލަބިއްޔަތު އޮތްކަން ހާމަކުރުން.
  • މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ބުނެ، ހަތްދިހަ ތިން މެންބަރުންގެ ސޮޔާއެކު ނާޒިމް މަގާމުން ވަކިކުރުމަށް ގަރާރެއް ހުށަހެޅުން.
comment ކޮމެންޓް