ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޗެލްސީން ބާސެލޯނާއާ ކުރިމަތިލާއިރު، ބާސާގެ ތަރި ލިއޮނަލް މެސީއަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ޗެލްސީގެ ސްޕެއިން ތަރި އަލްވާރޯ މޮރާޓާ ބުނެފިއެވެ.
މެސީއަށް ޗެލްސީ ކޮޅަށް ލަނޑެއް ނުޖެހި، މި ދެޓީމުގެ ދެމެދުގައި މިހާރު އަށް މެޗު ކުޅެވިއްޖެއެވެ. އެހެން ނަމަވެސް މޮރާޓާ ގަބޫލުކުރާ ގޮތުގައި މިފަހަރު، މެސީ ހުއްޓުވުމަކީ ވަރަށް އުނދަގޫކަމަކަށް ވާނެއެވެ.
ބާސާއާ ޗެލްސީ ބައްދަލުކުރާ މެޗާ ގުޅޭގޮތުން، ސްޕެއިންގެ ޓީވީ ޗެނަލެއް ކަމަށްވާ، މޯވިސްޓާއަށް މޮރާޓާ ބުނީ، މިފަަރު "މެސީ ނުހުއްޓުވޭނެ" ކަމަށެވެ.

ޗެލްސީގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ -- ފޮޓޯ: ގެޓީ
މޮރާޓާ ބުނީ، އަމިއްލަ ދަނޑުގައި ޗެލްސީއަށް ރަނގަޅު ނަތީޖާއެއް ނެރެވިއްޖެ ނަމަ، ދެވަނަ ލެގުގައި ޑިފެންސިވް ގޭމެއް ކުޅެގެން ކާމިޔާބު ހޯދޭނޭ ކަމަށެވެ. އެހެންކަމުން ސްޓެންފޯޑް ބްރިޖްގައި ކުޅޭ މެޗުގައި ބާސާގެ ފޯވާޑް ލައިން މައިތިރިކުރަން ވަރަށް ބޮޑު ސަމާލު ކަމެއް ދޭން ޖެހޭނޭކަމަށް ރެއާލް މެޑްރިޑްގެ ކުރީގެ ފޯވާޑް ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ބާސާ ބައްދަލުކުރާ މެޗުގެ ފުރަތަމަ ލެގު ކުޅޭނީ މި މަހުގެ 20 ވަނަ ދުވަހު ޗެލްސީގެ ދަނޑުގައެވެ. ދެވަނަ ލެގު ކުޅުމަށް ހަމަ ޖެހިފައިވަނީ ބާސާގެ ދަނޑުގައި މާޗް 14 ވަނަ ދުވަހުއެވެ.