ޔޫރަޕް ފުޓްބޯޅައިގައި ފަހުގެ ތާރީޚުގައި ފެނިގެން ދިޔަ ވާދަވެރި ދެ ކްލަބު ކަމަށްވާ، ސްޕެއިންގެ ބާސެލޯނާއާއި އިނގިރޭސިވިލާތުގެ ޗެލްސީ، ހަ އަހަރުގެ ދިގު އިންތިޒާރަކަށް ފަހު އަންނަ ހަފްތާގެ އަންގާރަދުވަހު ވަރުގަދަ ކުރިމަތިލުމަކަށް ދާނެއެވެ. މިއީ ހަމަ ޔަގީނުންވެސް ގިނަބަޔަކު މިހާރުވެސް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދާނޭ މެޗެކެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޗެލްސީއާ ބާސާ ވާދަކުރާ މެޗަށް ދެ ޓީމު ތައްޔާރުވަމުންދާއިރު، މީގެ ހަ އަހަރު ކުރީގެ ހަނދާންތައް ދެޓީމުގެ ކުޅުންތެރީންގެ ވެސް ހުންނާނެއެވެ. އޭރު މި ދެ ކްލަބަށް ކުޅުނު ބައެއް ކުޅުންތެރީން މިހާރު ތިބީ އެހެން ކްލަބުތަކުގައެވެ.
މިހާރު އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ޗިލީ ފޯވާޑް އެލެސް ސަންޗޭޒަކީ އެރު ބާސާގެ ކުޅުންތެރިއެކެވެ. ސަންޗޭޒް ވަނީ، އޭރުގެ ހަނދާންތައް ސްކައި ސްޕޯޓްސްއާ ހިއްސާކޮށްފައެވެ. އެގޮތުން އޭނާ، އެންމެ ޝައުގުވެރިކަމާއެކު ފާހަގަކުރި އެއް ވާހަކައަކީ، ޗެލްސީއާ ބާސާ ވާދަކުރި މެޗަކަށް ފަހު ބާސާ އަދި އާޖެންޓީނާގެ ތަރި، ލިއޮނަލް މެސީ ރުއި ވާހަކައެވެ.
ފަސްފަހަރު ބެލޮންޑިއޯ ހޯދާފައިވާ، މިހާރު އުމުރުން 30 އަހަރުގެ މެސީ، ޗެލްސީ އަތުން ބާސާ ބަލިވި މެޗަކަށް ފަހު ކަރުނައަޅައި ގަދައަޑުން ރުއި ކަމަށް ސަންޗޭޒް ބުންޏެވެ.
މެސީ ރުއިކަމަށް ސަންޗޭޒް ބުނާ އެ މެޗަކީ، 2012 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގައި ބާސާއާ ޗެލްސީ ވާދަކުރި ދެވަނަ ލެގުގެ މެޗެވެ. ފުރަތަމަ ލެގު 1-0 އިން ޗެލްސީ މޮޅުވެފައި ވަނިކޮށް، ކޭމްޕް ނޫގައި ކުޅުނު ދެވަނަ ލެގުގައި މިދެޓީމު ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން ޗެލްސީ މޮޅުވެގެންނެވެ.
ޗެލްސީގެ ކެޕްޓަން ޖޯން ޓެރީއަށް މެޗުގައި ދެއްކި ރަތްކާޑަކާއެކު 10 ކުޅުންތެރީންނާއެކު ޗެލްސީން ބާސާ ހިފެހެއްޓި އެ މެޗުގައި މެސީ އަތުން ވަނީ ބާސާއަށް ލިބުނު ޕެނަލްޓީއެއް ވެސް ބޭކާރުވެފައެވެ.
ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ކްލަބުތަކުގެ ތެރޭގައި ހިމެނޭ ވަރުގަދަ ބާސާ އާއި އަދި މެސީ ވެސް ރޮއްވާލުމަށް ފަހު، ޗެލްސީ އެފަހަރު ވަނީ، ޖަރުމަނުގައި ކުޅުނު ފައިނަލް މެޗުގައި ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް ބަލިކޮށް، ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ޓްރޮފީ ހޯދައިފައެވެ.
"ފައިނަލް މެޗަކުން ބަލިވެއްޖެ ނަމަ ކޮންމެ ކުޅުންތެރިއަކަށް ވެސް ރޮވޭނެ. އެއީ ފުޓްބޯޅައިގެ ބައެއް. ޗެލްސީ މެޗަށް ފަހު، އަހަރެން ދުށިން، ބާސާގެ ޑްރެސިންގ ރޫމް ތެރޭގައި ލިއޯ ރޯން ހުއްޓާ، އެއީ ކުޅުންތެރިއެއްގެ ހައިސިއްޔަތުން އެ ކުޅުންތެރީން ބޭނުންވާ ވަރަށް ބައިވަރު ކަންތައްތަކެއް ހުންނާނެ. އެހެން މީހުންނަށް އެކަން އިހުސާސްކުރަންވެސް ނޭނގޭނެ،" މިދިޔަ ޖެނުއަރީ ޓްރާންސްފަރގައި އާސެނަލުން ޔުނައިޓެޑާ ގުޅުނު ފޯވާޑް ބުންޏެވެ.
ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ބާސާގެ ކުރިމަތިލުންތަކަށް ބަލާއިރު، މި ދެޓީމު ވަނީ މިހާތަނަށް 12 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރޭން، 3 ފަހަރު ބާސާ މޮޅުވެފައި ވާއިރު، ޗެލްސީ ވަނީ 4 ފަހަރު ބާސާގެ މައްޗަށް ކުރި ހޯދައިފައެވެ. އަނެއް ފަސް ފަހަރު އެއްވަރުވީ އެވެ. 12 މެޗުން ކޮންމެ ޓީމަކަށް ވެސް ވަނީ 18 ލަނޑު ކާމިޔާބުކުރެވިފައެވެ.
ޔޫރަޕްގެ ކުރީގެ ދެ ޗެމްޕިއަންނުން، 13 ވަނަ ފަހަރަށް ކުރިމަތިލާއިރު، މެސީއަށް ޗެލްސީ ކޮޅަށް ލަނޑެއް ނުޖެހި މިހާރު އަށް މެޗު ކުޅެފިއެވެ.
އެންމެ ފަހުން މި ދެޓީމު ވާދަކުރި އިރު، ބާސާގައި މުހިއްމު ދައުރެއް އަދާކުރި ޕެޑްރޯ ރޮޑްރިގޭޒާއި ސެސް ފެބްރިގާސް މިފަހަރު ނުކުންނާނީ އެޓީމާ ދެކޮޅަށެވެ. މި ދެކުޅުންތެރީންނަކީވެސް މިހާރު ޗެލްސީގައި މުހިއްމު ދައުރެއް އަދާކުރަމުން އަންނަ ދެ ކުޅުންތެރީންނެވެ.
ޗެމްޕިއަންސް ލީގު ގަދަ 16ގައި މި ދެޓީމު ތިން ވަނަ ފަހަރަށް ވާދަކުރާއިއު، މި ފަހަރު ބާސާއަށް ޗެލްސީގެ މައްޗަށް ކުރި ހޯދިއްޖެ ނަމަ ވެގެންދާނީ މިއީ ބާސާ މި މުބާރާތުގެ ކުއާޓާއަށް ޖެހިޖެހިގެން ދަތުރުކުރާނެ 11 ވަނަ ފަހަރަށެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޗެލްސީއާ ބާސާ ބައްދަލުކުރާ މެޗު އޮންނާނީ، މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން މެންދަމު 12:45ގައެވެ.