އަންބަރާގައި ރިސޯޓު ތަރައްގީކުރުމަށް ލަންކާ ކުންފުންޏާ ޗައިނާ ބަޔަކު ގުޅިއްޖެ

ވ. އަންބަރާ --

ވ. އަންބަރާގައި ރިސޯޓެއް ތަރައްގީކުރާ ސްރީލަންކާގެ ސިލޯން ހޮޓެލްސް ކޯޕަރޭޝަނާ، ޗައިނާގެ ކުންފުންޏަކާ ޖޮއިންޓް ވެންޗާއެއް ހަދަން ނިންމައި، އެ ޖޮއިންޓް ވެންޗާގެ ދަށުން އަންބަރާ ރިސޯޓު ހެދުމަށް ނިންމައިފިއެވެ.

އަންބަރާގައި ރިސޯޓު ތަރައްގީކުރުމަށް ސިލޯން ހޮޓެލްސް ކޯޕަރޭޝަނުން ވަނީ ރާއްޖޭގައި ކުންފުންޏެއް ވެސް ހަދައިފައެވެ. އެއީ ސިލޯން ހޮޓެލްސް މޯލްޑިވްސް ލިމިޓެޑް (ސީއެޗްއެމްއެލް)އެވެ.

ލަންކާގެ ޑެއިލީނިއުސްއިން ރިޕޯޓު ކުރާ ގޮތުގައި، ޗައިނާގެ ޖެން ހުއާ އިންޖިނިއަރިންގް ކޮމްޕެނީއިން ވަނީ ސިލޯން ހޮޓެލްސް މޯލްޑިވްސްއާ އެކު އަންބަރާ ތަރައްގީކުރުމަށް ޖޮއިންޓް ވެންޗާއެއް ހަދައިފައެވެ. މި ޖޮއިންޓް ވެންޗާގައި ދެކުންފުނީގެ ވެސް 50 ޕަސަންޓު ހިއްސާ އޮވެއެވެ.

މީގެ ކުރިން ހަމަޖެހިފައި އޮތީ، 2017 ވަނަ އަހަރަށް އަންބަރާގައި ރިސޯޓު ހަދައި ނިންމުމަށެވެ. އެެހެން ނަމަވެސް މިހާރު ހަމަޖެހިފައިވާ ގޮތުން، ރިސޯޓު ހުޅުވޭނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. ގާތްގަނޑަކަށް 85 އާ 100 އާ ދެމެދުގެ އަދަދެއްގެ އެނދާ އެކު ތަރައްގީ ކުރާ މި ރިސޯޓު ވެގެން ދާނީ 50 މިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓަކަށެވެ.

ސިލޯން ހޮޓެލްސް ކޯޕަރޭޝަނަކީ ސްރީލަންކާގައި 20 އަށް ވުރެ ގިނަ ޕްރޮޕަޓީއާ ގުޅުންހުރި ކުންފުންޏެކެވެ. އެ ކުންފުންޏަކީ ސްރީލަންކާގެ އެންމެ ދުވަސްވީ ހޮޓެލް ކަމުގައިވާ ކޮލޮމްބޯގެ ގޯލް ފޭސް ހޮޓެލް ހިންގާ ކުންފުނި، ގޯލް ފޭސް ހޮޓެލް ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެކެވެ.

comment ކޮމެންޓް