އަންބަރާގައި ލަންކާ ކުންފުންޏަކުން ރިސޯޓެއް އަޅައި، 2017ގައި ހުޅުވަނީ

ވ. އަންބަރާ --

ސްރީލަންކާގެ ސިލޯން ހޮޓެލްސް ކޯޕަރޭޝާނުން ވ. އަންބަރާގައި ރިސޯޓެއް އަޅަމުން އެބަ ދެ އެވެ. އަންބަރާގައި ސީއެޗްސީއިން އަޅާ ރިސޯޓަކީ 50 ކޮޓަރީގެ ރިސޯޓެކެވެ.

ސިލޯން ހޮޓެލްސް ކޯޕަރޭޝަނަކީ، ސްރީލަންކާގެ އެންމެ ދުވަސްވީ ހޮޓެލް ކަމުގައިވާ ކޮލޮމްބޯގެ ގޯލް ފޭސް ހޮޓެލް ހިންގާ ކުންފުނި، ގޯލް ފޭސް ހޮޓެލް ގްރޫޕުގެ ދަށުން ހިންގާ ކުންފުންޏެކެވެ.

ސީއެޗްސީގެ ޗެއާމަން ސަންޖީވް ގާޑިނާ ވިދާޅުވީ، އަންބަރާގައި އެކުންފުނިން އަޅާ ރިސޯޓު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި އެ ރިސޯޓުގައި ހުންނާނީ 50 މޫދު ކޮޓަރި ކަމަށާއި 2017 ވަނަ އަހަރުގެ ފަހުކޮޅު ރިސޯޓު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއީ އެކުންފުނިން ކުރާ 34.3 މިލިޔަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެކެވެ.

ވ. އަންބަރާގައި ހަދާ ރިސޯޓަށް ނަމެއް ކަނޑައަޅާފައި ނުވާ ކަމަށާއި، ފުރަތަމަ ފިޔަވަހީގެ ދަށުން 50 ކޮޓަރި ހަދައި ނިމުމުން އެތަނުގައި އިތުރު 50 ކޮޓަރި ވެސް ތަރައްގީ ކުރާނެ ކަމަށް ސީއެޗްސީއިން ބުނެ އެވެ. މީގެ އިތުރުން، 40 ކޮޓަރީގެ އިތުރު ހޮޓަލެއް، މާލެ ސިޓީއާ ދުރު ހިސާބެއްގައި ތަރައްގީ ކުރާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

ވ. އަންބަރާގައި ލަންކާގެ ކުންފުންޏަކުން ރިސޯޓެއް ތަރައްގީ ކުރަމުންދާ އިރު، 2014 ވަނަ އަހަރު ޒުވާން ކުދިންތަކެއް ވ. އަންބަރާގައި މަސްތުވާތަކެއްޗާ އެކު "ޕާޓީ" ކުރި މައްސަލައެއްގައި، އެރަށުން 50 ޒުވާނުން ހައްޔަރު ކުރި އެވެ.

ފަޅު ރަށެއްގެ ގޮތުގައި އޮތް އަންބަރާގައި "ބޫމް އޯޓީޔޫއެމް ފެސްޓިވަލް" ނަމަކަށް ކިޔާ ހަރަކާތެއް ހިންގުމަށް 200 އެއްހާ ޒުވާނުން އެރަށަށް ދިޔަ އިރު، 2014 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހުގެ ދަންވަރު ފުލުހުން އެރަށަށް އަރައި، ޚާއްސަ އޮޕަރޭޝަނެއް ހިންގި އެވެ. އެ އޮޕަރޭޝަނުގައި، އަންބަރާގައި އެވަގުތު "ޕާޓީ ކުރަމުން" ދިޔަ 200 ޒުވާނުންގެ ހަށިގަނޑު ފާސްކޮށް، 50 މީހަކު ހައްޔަރު ކުރި އެވެ.

ހައްޔަރު ކުރި އެންމެންގެ ބަންދުގެ މުއްދަތު ޖެހުމަށް އެމީހުން މާލެ ގެނެވުނު އިރު، އެމީހުން މަސްތުވާތަކެއްޗަށް ޓެސްޓް ވެސް ކުރެވުނެވެ. ފުލުހުން ބުނި ގޮތުގައި ޓެސްޓު ކުރި އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވި ކަމަށެވެ.

comment ކޮމެންޓް