ބެންގަލޫރު އެފްސީ މާދަމާ މާލެ އަންނާނެ، ސަލާމަތީ ކަންކަމަށް އެމްއެންޑީއެފްއިން ވަނީ ޔަގީންކަން ދީފައި

އިންޑިއާގެ ގައުމީ ޓީމު އަދި ބެންގަލޫރު އެފްސީގެވެސް ކެޕްޓަން ސުނިލް ޗެތުރީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕު ކޮލިފައިން ބުރުގެ ފުރަތަމަ ލެގަށް ބެންގަލޫރު އެފްސީ މާދަމާ މާލެ އަންނައިރު، ޓީމުގެ ސަލާމަތީ ކަންކަމަށް ފުރިހަމަ ޔަގީންކަން ރާއްޖޭގެ ދިފާއީ ބާރުން ދީފައިވާ ކަމަށް އޭޝިއާ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ބުނެފިއެވެ.

އޭއެފްސީން އިންޑިއާގެ ފުޓުބޯޅަ އިދާރާއަށް އަންގައިފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާންކޮށްފައި ވީ ނަމަވެސް ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވަނީ އިންޑިއާގެ ބެންގަލޫރު އެފްސީގެ ސަލާމަތީ ކަންކަމަށް ފުރިހަމައަށް ޔަގީންކަން ދީފައި ކަމަށެވެ.

ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބާއި ބެންގަލޫރު އެފްސީ ވާދަކުރާ މެޗު އޮންނާނީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭގައެވެ.

އިންޑިއާގެ ވަރުގަދަ ކްލަބު ބެންގަލޫރު އެފްސީގެ ޗީފް ޓެކްނިކަލް އޮފިސާ މަންދަރު ތަމްހޭން ބުނެފައިވަނީ ރާއްޖޭގައި ހިނގަމުންދާ ސިޔާސީ ހަލަބޮލިކަމާއެކު މެޗު ކުރިއަށް ގެންދެވޭނެތޯ އޭއެފްސީން ލަފާ ހޯދި ކަމަށާއި، އޭއެފްސީން ވަނީ އެ ޓީމުގެ ސަލާމަތީ ކަންކަމަށް ފުރިހަމައަށް ޔަގީންކަން ދީފައި ކަމަށެވެ.

"އިންޑިއާގެ ފުޓުބޯޅަ އިދާރާ މެދުވެރިކޮށް އޭއެފްސީއަށް ހުށައެޅިން ރާއްޖޭގައި މެޗު ކުޅެވޭނެތޯ. އޭއެފްސީން ބުނީ ރާއްޖޭގައި މެޗު ކުޅެން ރައްކާތެރިކަމަށާއި، ޝެޑިއުލް ކުރެވިފައިވާ ގޮތަށް މެޗު ކުޅެވޭނެ ކަމަށް،" މަންދަރު ތަމްހޭން ބުނެފައިވެއެވެ.

މަންދަރު ތަމްހޭން އިތުރަށް ބުނީ ބެންގަލޫރު އެފްސީ އޮތީ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، ޓީމު މާދަމާ މާލެ އަންނާނެ ކަމަށެވެ.

އިންޑިއާގެ ބެންގަލޫރު އެފްސީއާއި ޓީސީ ވާދަކުރާ އޭއެފްސީ ކަޕުގެ ކޮލިފައިން ފުރަތަމަ ލެގު މިމަހުގެ 13 ވަނަ ދުވަހު މާލޭގައި އޮންނައިރު ދެވަނަ ލެގު އޮންނާނީ މިމަހުގެ 20 ވަނަ ދުވަހު އިންޑިއާގެ ބެންގަލޫރުގައެވެ.

comment ކޮމެންޓް