އިންޑިއާއިން ބުލީކުރާއިރު، ސަރުކާރު އޮތީ ބިރުން: ޔާމީން

ޔާމީން، އިންޑިއާ އައުޓް ކެމްޕޭންގައި: ވިދާޅުވީ ސަރުކާރުން ތިބީ ބިރުން ކަމަށް --- ފޮޓޯ/ ޕީޕީއެމް

އިންޑިއާއިން މި ސަރުކާރަށް ބުލީކުރާއިރު "އިންޑިއާ އައުޓް" ކިޔަން މި ސަރުކާރުގެ އިސް ބޭފުޅުން މިހާރު ލަދުގަނެ، ބިރުގަންނަ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް އެ މަނިކުފާނު އުފައްދަވާ އާ ޕާޓީން ކެންޑިޑޭޓުން ނެރެ، ކެމްޕޭންކުރަން ރޭގަނޑު ބާއްވާ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން ޔާމީން ރޭ ވެސް ވަނީ ޕޯޑިއަމްގައި ވާހަކަދެއްކެވި ބޭފުޅުންނަށް ސުވާލުތަކެއް އަމާޒުކުރައްވައިފައެވެ.

ޔާމީން ވިދާޅުވީ، އިދިކޮޅުގައި ތިބީއިރުގައި އިންޑިއާ އައުޓް ކެމްޕޭން ހިންގި މީހުން މިއަދު އެ ވާހަކަދައްކަން ޖެހުލުންވެ، ބިރުގަނެ ލަދުގަންނަ ކަމަށެވެ.

"އެ މީހުން މިއަދު ލަދުވެތިވެ، ބިރުގަނޭ އެ ވާހަކަ ދައްކަން. މިއަދު އެއީކީ މައްސަލައެއް ނޫން ކަމަށްވަނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"ސަރުކާރުން މި ދައްކައި، ނޫނީ [ރައީސް ޑރ. މުހައްމަދު] މުއިއްޒުގެ ފަރާތްޕުޅުން މި ދައްކާ ކެންޑިޑޭޓުން ވެސް އިންޑިއާ ސިފައިން ނެތް ކަމަށް ބުނަމުން މި ދަނީ. ހަމަ ޕަބްލިކްގައި... އިންޑިއާ ސިފައިން އެބަތިބި، އަދިވެސް އެބަތިބި. ތިބި އަދަދެއް ވެސް ބުނާކަށް ބޭނުމެއް ނުވޭ،"

25 މާރޗް 2022: އިދިކޮޅުގައި ތިބީއިރު، މި ސަރުކާރުގެ ބައެއް ވަޒީރުން 'އިންޑިއާ އައުޓް' ހަރަކާތުގައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެއަށް ފަހުގައި ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތް މަނާކުރަން ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ޞާލިޙް ނެރުއްވި ރިޔާސީ ގަރާރު އަދިވެސް ބާތިލުނުކުރައްވާތީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކުރީގައި އޮތް މަނާ އެއަށް ވުރެ ބޮޑު 'މަނަލަކަށް'ވެފައިވާ ކަމަށެވެ.

"މި ސަރުކާރުން އެ ކަމާ އެހާ ބިރުގަންނަ ކަމަށްވަންޏާ، އެ ކަމާ ގޮތެއް ނިންމަން އެހާ ބިރުގަންނަ ކަމަށްވަންޏާ އަޅުގަނޑު ހިތަށް އަރަނީ ސަރުކާރުން ކީއްވެގެންބާއޭ މަދަނީ ކޯޓުގައި އޮތް މައްސަލަ ކޮންމެ ވެސް އެއްގޮތަކަށް އަވަހަށް ނިންމޭތޯ މަސައްކަތް [ނުކޮށްދެނީ]،" އެ މަނިކުފާނު ސުވާލުކުރެއްވިއެވެ.

ރާއްޖެ ކުޑަވުމަކީ ކައިރީގައި އޮތް ބޮޑެތި ގައުމުތަކުން ރާއްޖެ ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ޔާމީން ވަނީ އޭގެ ފަހުން ދިވެހި އޮޑިފަހަރަށް އިންޑިއާ ސިފައިން އެރުމަކީ ބުލީކުރުން ނޫންތޯ ސުވާލު އުފައްދަވައިފައެވެ.

އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި އިންޑިއާއިން 'ވަރަށް ބުލީކޮށްފި'އެވެ.

ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން ވާހަކަފުޅުދައްކަވަނީ: ރޭ އެ މަނިކުފާނު ވަނީ އިންޑިއާ އައުޓް ނުކިޔާތީ ނުރުހުން ފާޅުކުރައްވާފައި -- ސަން ފޮޓޯ/ އަމަން ލަތީފް

"އެއަށް ޑިފެންސް މިނިސްޓަރު ވެސް ވިދާޅެއްނުވޭ ބުލީ ކުރީއެކޭ. އެއީ ކީއްވެގެން ކުރި ކަމެއްކަމެއް ނޭނގޭ... [އެކަމަކު] ވަރަށް ބުލީކޮށްފި ނޫންތޯ،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ދިވެހި ސަރުކާރުންނާއި ސަރުކާރު ތަމުސީލުކުރަން އައްޔަންކުރައްވާފައި ތިއްބެވި ބައެއް އިސްވެރިން އިންޑިއާއާއި އެ ގައުމުގެ ރައްޔިތުންނަށް ވެސް ބުލީކޮށްފި ކަމަށެވެ. އެ މަނިކުފާނު އިޝާރާތްކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި ޑެޕިއުޓީ މިނިސްޓަރުންގެ ވާހަކައެވެ.

ޔާމީން ވިދާޅުވީ، އިންޑިއާއިން ސަރުކާރަށް ދެ އޮފާއެއް ދިން ކަމަށެވެ. އެއްގޮތަކީ، ރަސްމީކޮށް މާފަށް އެދުން ކަމަށާއި އަދި އަނެއް ގޮތަކީ ކުޑައިމީސްކުރި މީހުން މަގާމުން ވަކިކުރުން ކަމަށެވެ. އެކަމަކު، އެއިން އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

"ދިވެހި ސަރުކާރު ވެސް، އަދި ދިވެހި ސަރުކާރު ތަމްސީލުކުރަން ތިއްބަވާ މަތީ ފެންވަރުގެ ބޭފުޅުން ވެސް އިންޑިއާ މީހުން ބުލީކުރުމަށްޓަކައި ބައެއް ކަންކަން ކޮށްފި،" ޔާމީން ވިދާޅުވިއެވެ.

https://sun.mv/188833

އެ މަނިކުފާނު ވިދާޅުވީ، އެހެން އެކަން ހިނގި ނަމަވެސް އިންޑިއާ ސިފައިން ދިވެހި ސަރަހައްދުގައި އޮތް ދިވެހި ދޯންޏަކަށް އަރަންޖެހުނު ސަބަބު ރައްޔިތުންނަށް ސާފުވާންޖެހޭނެ ކަމަށެވެ. އަދި، ދެ ގައުމުގެ ދޭތެރޭގައި ހައިލެވެލްގެ ބައްދަލުވުންތައް ބާއްވާއިރު، ދެ ގައުމުގެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްކަން ވެސް ހައްލުވާންވެއްޖެ ކަމަށް ޔާމީން ގަބޫލުފުޅުކުރައްވައެވެެ.

ސިޔާސީ ބައެއް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ނަމަވެސް ޔާމީން އަދިވެސް ހުންނެވި 11 އަހަރުގެ ހުކުމެއްގައެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިޔާނާތްވެ، އެ ފައިސާ ލޯންޑާކުރިކަން ސާބިތުވުމާ ގުޅިގެން ދަށު ކޯޓުން ޑިސެމްބަރު 25، 2022 ގައި ވަނީ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެ ހުކުމްގެ އިސްތިއުނާފު ހައިކޯޓުގައި ހުކުމާ ހަމައަށް ވާސިލުވެފައި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސްވީއިރު އަދިވެސް ހުކުމް ކުރެވޭނެ ދުވަހެއް ނޭނގެއެވެ.

comment ކޮމެންޓް