ޔާމީނަށް އިންސާފު ލިބުމަކީ ގައުމަށް އެންމެ އިންސާފުވެރި ގޮތް، ހުރަހެއް ނާޅާނަން: ރައީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ގިނަ ދުވަސްތަކެއް ޖަލުގައި ހޭދަ ކުރެއްވުމަށް ފަހު މިއަދު ގެކޮޅަށް ވަޑައިގަތުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބުމަކީ ގައުމަށް އެންމެ އިންސާފުވެރި ގޮތް ކަމަށާއި، އެ މަނިކުފާނުގެ ޝަރީއަތަށް ހުރަސް އަޅާނެ އެއްވެސް މީހަކު މި ސަރުކާރުގައި ނުހުންނާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އައްޑުއަށް މިހާރު ކުރައްވަމުން އަންނަ ރަސްމީ ދަތުުރުފުޅުގައި މިރޭ ފޭދޭ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެ މަނިކުފާނު ވަނީ ރައީސް ޔާމީންގެ އިސްތިއުނާފު ޝަރީއަތްތައް މިހާ ދުވަސްވެ، ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި އިންސާފު ލަސްވުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާ ދުވަސްވެގެން ދިޔައިރުގައި ރައީސް ޔާމީނަށް އިންސާފު ލިބުން ލަސްވުމަކީ ގައުމަށް ވެސް ހަމަޖެހުން ލިބޭނެ ގޮތެއް ނޫން. އެ މަނިކުފާނަށް ވެސް އިންސާފު ލިބެންޖެހޭނެ. އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ނިޒާމަށް ނޯންނާނެކަމަށެވެ. އަދި ރައީސް ޔާމީނުގެ ޝަރީއަތަށް ހުރަސް އަޅައި ނުފޫޒެއް ފޯރުވާނެ އެއްވެސް ބޭފުޅަކު މި ސަރުކާރުގައި ވެސް ނުހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން މި ސަރުކާރުގެ ވެރިކަން ފެށުނު ދުވަހުން ފެށިގެން ޝަރުއީ ދާއިރާ މިނިވަންވެފައިވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ގައުމުގައި ހަމަޖެހުން ގާއިމްކުރުމަކީ އެ މަނިކުފާނު އެންމެ އިސްކަން ދެއްވައި އެއް ކަންތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަބަދުވެސް ފެންނަ މަންޒަރަކީ މީގެ ކުރިން ގައުމުގައި ވެރިކަން ކުރައްވައިފައި ތިބި ވެރީންގެ ވެރިކަން ނިމުމާއެކު އެ ބޭފުޅުން ހުރަގެއަށްލާ މަންޒަރުކަމަށެވެ.

ނަމަވެސް އެއީ އެ މަނިކުފާނުގެ މި ސަރުކާރުގެ ކިބައިން ފެންނާނެ ކަމެއް ނޫންކަމަަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ގައުމަށް ހަމަޖެހުން އަންނާނީ ގައުމުގައި ބަސްކިޔަން ތިބި ސިޔާސީ ފަރާތްތައް ވެސް މިނިވަންކަމާއެކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދީގެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ޝަރީއަތަށް މި ސަރުކާރުން ވެސް ނުފޫޒު ފޯރުވާކަމަށް ބުނެ ވާހަކަތައް ފެތުރެން ފެށީ، ރައީސް ހުވައިކުރެއްވި ދުވަހު ޔާމީން މިނިވަންވާނެކަމަށް މީގެ ކުރިން ރައީސް ވިދާޅުވި ކަމަށް ބުނެއެވެ.

ރައީސް ޔާމީންގެ ޝަރީއަތް ހިނގަމުން އަންނަ ގޮތާ ގުޅިގެން ހުރި ހިތްހަމަނުޖެހުންތަކާއި، ކަންބޮޑުވުންތަކާއެކު، އެންމެފަހުން ޔާމީނާއި، ރައީސް ޑރ. މުއިއްޒުގެ ގުޅުން ހީނަރުވެ، ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންނެވީއެވެ.

އަދި ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ނަމުގައި އާ ޕާޓީއެއް އުފައްދަވަން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެ ޕާޓީއަކީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ކުރާނެ ޕާޓީއެއްކަމަށް ޕާޓީ އުފައްދަވާ ބޭފުޅުން ވިދާޅުވެއެވެ.

comment ކޮމެންޓް