ފާޑުކިޔުންތަކަށް އެެއްވެސް ރައްދެއް ދެއްވަން ބޭނުންނުވާ ކަމަށާއި ގާބިލުކަން މިނެކިރާނީ ފަސް އަހަރުވީމާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހިމް ފައިސަލް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ލ. ފޮނަދޫގައި ބޭއްވި ހަރަކާތްތަކަށް ފަހު 'ސަން'އާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުން މިހާރު ބޭނުންވަނީ ހަމަޖެހުމާއި ކުރިއެރުން ކަމަށެވެ. މި އަހަރުގެ އިންތިޚާބުގެ ނަތީޖާއިން ވެސް ދައްކައިދިނީ އެކަން ކަމަށް އޭނާ ވިދާޅުވިއެވެ.
"[ރިޔާސީ އިންތިޚާބުގައި] 2023 ވަނަ އަހަރު އެ މަނިކުފާނު [ރައީސް ޑރ. މުޙައްމަދު މުއިއްޒު] ވެވަޑައިގެން ވައުދުތައް ރައްޔިތުން ބަލައިގަތީ. އެ މަނިކުފާނުގެ އިހުލާސްތެރިކަން،" އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވާ ކަމެއް ނޫން، އަޅުގަނޑުމެން އެކަކު އަނެކަކާ ޒުވާބުކޮށް ސިޔާސީ މަސްލަހު ހަލަބޮލިވެ، ރައްޔިތުން މަގުމައްޗަށް ނުކުމެ ހަމަޖެހުން ނަގާލަކަށެއް،"
ފައިސަލް ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާނީ އިހުލާސްތެރިކަމާ އެކު ކަމަށެވެ. އަދި، މި ސަރުކާރުގެ އެއްވެސް މަގާމެއްގައި ކަމަށް ގާބިލު ނޫން، ޚާއްސަކޮށް ރައީސް މުއިއްޒަށް އިތުބާރު ނުކުރެވޭ އެއްވެސް ބޭފުޅަކު އައްޔަންކުރައްވާފައި ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، އޭނާ ވެސް ރައްޔިތުން ދެރަވާނެ، ނުވަތަ ރައީސް މުއިއްޒު ހިތްޕުޅާނުވާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާ ޑިސަޕޮއިންޓްވާނެ އެއްވެސް ކަމެއް ނުކުރާނަން. އެ ޑިސިޕްލިން އަޅުގަނޑު މެއިންޓެއިންކުރާނަން،" ފޮނަދޫ ބަނދަރު ސަރަހައްދުގައި ހުންނަވައިގެން ސަންއާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.
"ފާޑުކިޔާ ބޭފުޅުންނަށް އަޅުގަނޑު އެއްވެސް ރައްދެއް ދޭކަށް ބޭނުމެއް ނޫން. އެއީ ކުރިއެރުމެއް."
އޭނާ ވިދާޅުވީ، އެކިއެކި ސިފަސިފައިގައި މީސްމީހުންގެ ފަރާތުން އަންނަ ފާޑުކިޔުންތައް އަބަދު ވެސް ބަލައިގަންނާނެ ކަމަށެވެ. އޭނާ އަކީ ވެސް ހުރިހާ ކަމެއް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި އެހެންވެ، ހުރިހާ ކަމެއްގައި ވެސް އާންމުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.
"ގާބިލުކަން ޖަޖު ކުރާނީ ފަސް އަހަރު ވީމާ. ނޫނީ ރައީސް ހަވާލުކުރާ ކަމެއް އަޅުގަނޑަށް ނުކުރެވުނީމާ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފައިސަލް ވިދާޅުވީ، މަޖިލީސް އިންތިޚާބުގެ ނަތީޖާއިން ސާފުވީ ރިޔާސީ އިންތިޚާބުގައި ވެސް ރައްޔިތުން ރައީސް މުއިއްޒަށް ވޯޓުދެއްވީ ވަކި ބޭފުޅަކަށްޓަކައި ނޫންކަން ކަމަށެވެ. އެ އިތުބާރާއި ޔަގީންކަމާ އެކު ރާއްޖޭގެ ތާރީޚު ބަދަލުކޮށްލައްވާނެ ރައީސަކަށް އެ މަނިކުފާނު ވެވަޑައިގަންނަވާނެ ކަމަށް ފައިސަލް ގަބޫލުކުރައްވައެވެ.
"އެ މަނިކުފާނު ވެވަޑައިގަންނަވާނީ ދިވެހި ތާރީޚު ބަދަލުކޮށްލައްވާނެވަރުގެ ޝަހުސިއްޔަތަކަށް. އޭގެ ނަތީޖާއަކަށް ވެގެންދާނީ. އަޅުގަނޑު ގަބޫލުކުރަނީ ދިވެހިރާއްޖޭގައި ދެވަނަ ދައުރެއް ލިބިވަޑައިގަންނަވާނެ ނަމަ، އެ ރައީސަކަށް ވެވަޑައިގަންނަވާނީ ރައީސް މުއިއްޒު ކަމަށް،" އޭނާ ވިދާޅުވިއެވެ.
ނިމުނު 20 ވަނަ މަޖިލީސް އިންތިޚާބުގައި ސަރުކާރު ހިންގާ ޕީއެންސީން ވަނީ 77 ގޮނޑި ކަށަވަރުކޮށްފައެވެ. އެއީ، ސަރުކާރުގެ ތާއީދާ އެކު އަމިއްލަގޮތުން ވާދަކުރެއްވި މެންބަރުންނާ ވެސް އެކުއެވެ. އިދިކޮޅު އެމްޑީޕީއަށް މި އިންތިޚާބުގައި ލިބުނީ އެންމެ 12 ގޮނޑިއެވެ.
ވިހިވަނަ މަޖިލީސް ހުވާކުރުން އޮންނާނީ އަންނަ މަހުގެ 28 ގައެވެ.