ޕެނަލްޓީގައި ނޯވިޗް ބަލިކޮށް ޗެލްސީ ހަތަރުވަނަ ބުރަށް

ޗެލްސީގެ ގޯލްކީޕަރު ވިލީ ކަބަލެރޯ ވަނީ ނޯވިޗްގެ ފުރަތަމަ ޕެނަލްޓީ މަތަކޮށްފައި -- ފޮޓޯ: އޭޕީ

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވުމުން، އިތުރު ވަގުތުގެ 30 މިނިޓް ކުޅެގެންވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެން ޗެލްސީން އެ މެޗު ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުގެ 120 މިނިޓް ކުޅެން ޖެހުނުއިރު 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޗެލްސީ މެޗު ކާމިޔާބުކުރީ، 5-3 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ނޯވިޗްގެ ފަރާތުން ޗެލްސީއަށް އުނދަގޫތަކެއް ކުރިމަތިކުރިއިރު، ޕްރިމިއަރ ލީގު ޗެމްޕިއަނުންނަށް ނޯވިޗްގެ ގޯލް ހުޅުވާލެވުނީ، މެޗުގެ 55 ވަނަ މިނުޓްގައެވެ. އެ ލަނޑު ކާމިޔާބުކޮށްދިނީ، މިޝީ ބަޓްޝުއާއިއެވެ. އެހެން ނަމަވެސް މި ލަނޑާއެކު މެޗު ނިމެން ދަނިކޮށް، ފަހު ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި ނޯވިޗްގެ ޖަމާލް ލެވިސް ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ އޭރިޔާތެރޭން ޑައިވްކުރިކަމަށް ބުނެ ޗެލްސީގެ ވިލިއަންއަށް ރެފްރީ ގްރެހަމް ސްކޮޓް ރީނދޫކާޑު ދައްކަނީ. މި މެޗުގައި ޗެލްސީގެ ޕެޑްރޯއާއި މޮރާޓާއަށް ވަނީ ރަތްކާޑު ދައްކާފައި -- ފޮޓޯ: ދަގާޑިއަން

ރޭގެ މެޗުގައި، ޑައިވްކުރިކަމަށް ބަލައި ޗެލްސީގެ ތިން ކުޅުންތެރިއަކަށް ކާޑު ދައްކާފައި ވާއިރު އޭގެ ތެރޭން ދެ ކުޅުންތެރިއަކު ވަނީ، ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ރަތްކާޑު ހޯދި ދެ ކުޅުންތެރީންނަކީ ޕެޑްރޯއާއި އަލްވާރޯ މޮރާޓާއެވެ. އެހެންކަމުން މެޗުގެ އެންމެ ފަހު ދެތިން މިނިޓް ޗެލްސީން ފުރިހަމަކުރީ 9 ކުޅުންތެރީންނާއެކު އެވެ.

ޗެލްސީގެ ގޯލްކީޕަރު ވިލީ ކަބަލެރޯ، ނޯވިޗްގެ ފުރަތަމަ ޕެނަލްޓީ ދިފާއުކުރި އިރު، ޗެލްސީ މޮޅުވި ޕެނަލްޓީ ކާމިޔާބުކުރީ އެޑެން ހަޒާޑެވެ.

މި މަހުގެ 28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެފްއޭ ކަޕް ހަތަރު ވަނަ ބުރުގެ މެޗުގައި ޗެލްސީ ކުރިމަތިލާން ޖެހޭނީ ނިއުކާސަލްއާއެވެ.

comment ކޮމެންޓް