ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
ސަން އާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ސަލާމަތީ ބާރުތަކާ ގުޅިގެން ސްކޫލު ދަރިވަރުންގެ ސެކިއުރިޓީ އަށް އަޅަން ޖެހޭ ފިޔަވަޅުތައްއަޅަމުންދާނެ ކަމަށެވެ.
ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ދަރިވަރުންގެ ސަލާމަތަށް އިތުރު ފިޔަވަޅުތައް އަޅާނެކަމަށް އެޑިއުކޭޝަނުން ބުނެފައި މިވަނީ ތާޖުއްދީން ސްކޫލުގެ ދަރިވަރަކަށާއި ދަރުމަވަންތަ ސްކޫލުގެ ދަރިވަރަކަށް ހަމަލާދީ ޒަހަމްކޮށްލާފައި ވަނިކޮށެވެ.
ތާޖުއްދީނު ސްކޫލުގެ ގްރޭޑް 10ގައި ކިޔަވާ ދަރިވަރަކަށް އިއްޔެ ދަގަނޑު ބުރިއަކުން ހަމަލާދީފައި ވަނީ ހެނދުނު ސެޝަން ނިމި ދަރިވަރުން ބަލައި ބެލެނިވެރިން ސްކޫލަށް ވަތް ވަގުތު ބަޔަކު ވަަދެ އެވެ.
ދަރުމަވަންތަ ސްކޫލު ދަރިވަރަކަށް ހަމަލާދީފައި ވަނީ މިއަދު ސްކޫލު ނިމުނު ވަގުތު މަގުމަތިންނެވެ.
ސްކޫލެއްގައި ކިޔަވާ ދަރިވަރުންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަފީއު ވިދާޅުވީ ސްކޫލުތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރުމަށް މިދިޔަ އަހަރު އެކުލަވާލި ޕޮލިސީއެއްގެ ދަށުން ބެލެނިވެރިންނަށް "ބެލެނިވެރިއެއްކަން އަންގައިދޭ ކާޑު" ދޫކޮށްފައިވާނެ ކަމަށެވެ. ކުދިން ބަލާ ސްކޫލަށް ދާ ވަގުތު އެ ކަޑު ހިފައިގެންދާ ގޮތަށް މާލޭގެ ބައެއް ސްކޫލުތަކުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ގިނަ ބެލެނިވެރިންތަކެއް އެއްފަހަރާ ސްކޫލުތެރެއަށްވަދެގެންދާ އިރު ވަކިވަކިން އެ ފާސް ބެލުމަކީ ވެސް ފުރިހަމަ ގޮތުގައި ކުރެވޭނެ ކަމެއް ނޫން ކަމަށް ޝަފީއު ވިދާޅުވި އެވެ.

މިއަދު ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ދަރިވަރެއް ކައިރީގައި ފުލުހެއް ހަރަކާތްތެރިވަނީ ----
"ދެން އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ފުލުހުންގެ އެހީތެރިކަމާ އެކު އިންޓެލިޖެންސް މައުލޫމާތަށް ބަލައި، ސްކޫލު ކިޔެވުން ކުރިއަށް ދާއިރު ސްކޫލުތައް ހިމެނޭ ސަރަހައްދަށް ވަދެގެން ނުވާނެ މީހަކު ވަދޭތޯ ބެލުން." ޝަފީއު ވަނީ ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ސަލަމަތީ ކަންތައް ބެލެހެއްޓުމަށް ފުލުހުންގެ ފަރާތުން ލިބޭ އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކުރައްވައިފަ އެވެ.
ޝަފީއު ވިދާޅުވީ ސްކޫލު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް އަޅާނެ ކަމަށެވެ.