ހުޅުމާލެ ޕޮލިހުން އަންނަ އަހަރަށް ކަނޑައަޅާ އިސްކަންދޭ ދާއިރާތަކާއި އަހަރީ އެކްޝަން ޕްލޭން އެކުލަވާލުމަށް އަމާޒުކޮށްގެން ބާއްވާ "ހުޅުމާލެ ޕޮލިސް ފޯރަމް 2026" މިއަދު ފަށައިފިއެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފޯރަމް ކުރިއަށްދަނީ އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމްގައެވެ.
މި ފޯރަމްގެ ޝަރަފުވެރި މެހުމާނަކީ ނޮދަން ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޝަމީމެވެ. މީގެއިތުރުން ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް، އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އާސިމް ޢަބްދުﷲއާއި، ބައެއް ޑިޕާޓްމަންޓުތަކުގެ އިސްވެރިންގެ އިތުރުން ހުޅުމާލެ ޕޮލިސްގެ އެކި ޑިޕާޓްމަންޓުތަކުގެ އިސްވެރިންނާއި މުވައްޒަފުން މި ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
https://x.com/PoliceMv/status/2124414498434126171
ފޯރަމްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވިދާޅުވީ، މިއީ މަސައްކަތްތަކާ މެދު ފުންކޮށް ވިސްނައި، ކުރިމަތިވާ ގޮންޖެހުންތައް ވަޒަންކޮށް، ކުރިއަށް އޮތް އަހަރު ފުލުހުންގެ ޚިދުމަތް ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަތުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ.
މީގެ އިތުރުން އަންނަ އަހަރަށް ހުޅުމާލެ ޕޮލިސްގެ މަސައްކަތްތައް އެކުލަވައިލަންވާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ފޯރަމްގެ ޝަރަފުވެރި މެހުމާން އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް އަޙްމަދު ޝަމީމް ދެއްކެވި ވާހަކަފުޅުގައި، އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރާއިރު މުވައްޒަފުންގެ ގާބިލުކަމާއި ވަސީލަތްތަކާއި ނަތީޖާ ނެރެވޭނެ ފަދަ ކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު މުޖުތަމައުގެ ބައިވެރިވުމާއި، ކުށް މަދުކުރުމާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ހުޅުމާލޭގެ ރައްޔިތުންނާއި، މުއައްސަސާތަކާއި، ޖަމުއިއްޔާތަކުގެ ބައިވެރިވުން އިތުރު ކުރެވޭނެ ހަރަކާތްތައް ހިމަނަންޖެހޭނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މީގެއިތުރުން، އެކްޓިވިޓީ ކަލަންޑަރުގައި ހިމެނޭ ކަންކަން ހިނގާ ނުހިނގާ ގޮތް ބެލުމަށާއި ލިބޭ ނަތީޖާ ވަޒަންކުރުމަށް ސާފު މޮނިޓަރިން އަދި އިވެލުއޭޝަން ނިޒާމެއް އޮންނަން ޖެހޭނެ ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން އަންނަ އަހަރު ހުޅުމާލޭގެ އެކްޓިވިޓީ ކަލަންޑަރު އެކުލަވާލެވޭނީ އޮޕަރޭޝަނަލް ޕޮއިންޓް އޮފް ވިއުއިން މި އުސޫލުތައް ފެންނަން އޮންނާނެހެން އަދި ނަތީޖާ ނެރެވޭނެ ފަދަ އިންތިޒާމެއްގެ ތެރެއިން ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.