ނަސްރުﷲ ދައުވާކުރީ ހަތަރު ނޫސްވެރިއެއްގެ އަތުން 28 މިލިއަން ރުފިޔާ ނަގައިދިނުމަށް

މިހާރު ނޫހުގެ ހަތަރު ނޫސްވެރިން މިއަދު ސިވިލް ކޯޓުން ނިކުންނަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

މިހާރު ނޫހުގެ ނޫސްވެރިންގެ މައްޗަށް އަނބުރުގެ ދައުވާކޮށްފައިވާ ޝެއިޚް ނަސްރުﷲ މުސްތަފާ އެދިފައި ވަނީ ކޮންމެ ނޫސްވެރިއެއްގެ އަތުން ހަތް މިލިއަން ރުފިޔާގެ ރޭޓުން 28 މިލިއަން ރުފިޔާ ނަގައިދިނުމަށް ކަމަށް އެ ނޫސްވެރިންގެ ވަކީލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންދިޔަ ކަމަށް ބުނާ މައްސަލައެއްގައި ނަސްރުﷲއާ ބެހޭ ގޮތުން މީޑިއާތަކުން ފެތުރި ހަބަރާ ގުޅިގެން ބަދަލު ހޯދުމުގެ ދައުވާގެ ޝަރީއަތް ފެށުމުގެ ކުރިން މިއަދު ވަނީ ޑިސްޕިއުޓް މަރުހަލާގެ އަޑުއެހުން ބާއްވައިފަ އެވެ.

ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ އެ އަޑުއެހުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަމުން 'މިހާރު' ނޫސްވެރިންގެ ވަކީލް ރިއްފަތު ވިދާޅުވީ އެ ނޫހުގެ ފަސް ނޫސްވެރިއެއްގެ މައްޗަށް ދައުވާކުރި ނަމަވެސް މުއިއްޒު އިބްރާހިމްގެ މައްޗަށް ކޮށްފައިވާ ދައުވާ ސަބަބެއް ނުބުނެ ވަނީ އަނބުރާ ގެންގޮސްފައި ކަމަށެވެ.

މިހާރު ނޫހުގެ ހަތަރު ނޫސްވެރިންނާ ދެކޮޅަށް އުފުލާފައިވާ ދައުވާއާ ގުޅިގެން އެ ހަތަރު ނޫސްވެރިންގެ ވަކީލް މީޑީއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެންކަމުން މިހާރު ދައުވާކުރަނީ އެ ނޫހުގެ ހަތަރު ނޫސްވެރިން ކަމަށްވާ އަހްމަދު އަބްދުﷲ ސައީދާއި ފަޒީނާ އަހްމަދާއި އާސިމާ ނިޒާރުގެ އިތުރުން މުހައްމަދު ޔާމީންގެ މައްޗަށް ކަމަށެވެ. އަދި ދައުވާކޮށްފައި ވަނީ ކޮންމެ ނޫސްވެރިއެއްގެ އަތުން ހަތް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ނެގުމަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ.

ރިއްފަތު ވިދާޅުވީ އަބުރާ ބެހުމުގެ ދައުވާތައް މިހާރު ކުރެވޭނީ އަލަށް ފާސްކޮށްފައިވާ އަބުރާ ބެހުމުގެ ގާނޫނާއި އެޓާނީ ޖެނަރަލް އޮފީހުން އާންމުކޮށްފައިވާ ޖޫރިމަނާ ނަގައިދިނުމުގެ އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ނަސްރުﷲ ދައުވާކޮށްފައި ވަނީ 2007ގައި އަމަލުކުރަމުން ދިޔަ އަބުރާ ބެހުމުގެ ބަދަލު ނަގައިދިނުމުގެ ގަވާއިދުގެ ދަށުން ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

"ގަވާއިދުގެ ބުނާ ގޮތުން ނަމަ ގެއްލުމުގެ ބަދަލުގެ ގޮތުގައި މި އޮންނަނީ 100 ރުފިޔާ އާއި 5000 ރުފިޔާ ނަގައިދިނުމަށް. މި ދައުވާތަކުގައި އެބައޮތް އެކު ޖުމްލަ ކޮންމެ މީހެއްގެ އަތުން ހަތް މިލިއަން ރުފިޔާ ހޯދުމަށް ހުށަހަޅާފައި،" ރިއްފަތު ވިދާޅުވި އެވެ.

ޝެއިހް ނަސްރުﷲ މިއަދު ސިވިލް ކޯޓުން ނިކުންނަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިވިލް ކޯޓަށް ނަސްރުﷲ ހުށަހަޅާފައިވާ އެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅާފައިވާ ކަން ރިއްފަތު ފާހަގަކުރެއްވި އެވެ. އަދި މިނިވަން މުއައްސަސާއަކުން ތަހްގީގްކުރަމުންދާ މައްސަލައެއް ނުނިމެނީސް ޝަރީއަތަށް މައްސަލަ ހުށަހެޅުމަކީ 'ހަމަޖެހޭ' އުސޫލެއް ނޫން ކަމަށް ރިއްފަތު ވިދާޅުވި އެވެ.

"މިހާރު ނޫހުގެ ރިޕޯޓަރުން މި ޝާއިރުކުރި އާޓިކަލް ބިނާވެފައި މި އޮންނަ ހާދިސާއަކީ އަސްލު ހަގީގަތުގައި ދައުލަތުގެ ރަސްމީ އިދާރާއަކުން މިހާތަނަށް ދޮގުކޮށްފައިވާ ހާދިސާއެއް ނޫން. އަދި އެ ހާދިސާތަކުގައި ހިމެނޭ މައުލޫމާތަކީ އަދި ރިޕޯޓަރުގެ ލިޔުންތަކުގައި ޝާއިއުކޮށްފައި ހުރި މައުލޫމާތުތަކަކީ އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރާ ހަވާލާދެއްވާ ލިޔުއްވާފައި ހުރި ވާހަކަތަކެއް،" ރިއްފަތު ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅޭ ގޮތުން ޖިނާއީ ކޯޓުގައި ނަސްރުﷲގެ މައްޗަށް ދައުވާތަކެއް ކުރަމުންދާކަން ފާހަގަކޮށް ރިއްފަތު ވިދާޅުވީ ނޫސްވެރިން ކޮށްފައި ވަނީ ރައްޔިތުންނަށް ހަގީގަތް އޮޅުންފިލުވައި ދިނުމުގެ މަސައްކަތް ކަމަށެވެ. އަދި ހަގީގަތް ހާމަކުރުމަކީ އަނބުރާ ބެހޭ ގާނޫނުގެ ތެރެއިން ހުއްދަ ކަމެއް ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ނަސްރުﷲގެ މައްޗަށް ވަނީ ދެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ.

ނަސްރުﷲގެ މައްޗަށް އުފުލި ފުރަތަމަ ދައުވާ އަކީ ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ އެވެ. ދެ ވަނަ ދައުވާ އަކީ ސައްހަ ނޫން ލިޔުމެއް އުފެެއްދުމުގެ ދައުވާ އެވެ.

comment ކޮމެންޓް