ޒައިނަބުގެ ގާތިލު ހޯދުމަށް ލާހޯރު ކޯޓުން 24 ގަޑިއިރު ދީފި

ޒައިނަބުގެ ޖަނާޒާގައި ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީހުން ބައިވެރިވި -- ފޮޓޯ: އޭޕީ

ޕާކިސްތާނުގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ޒައިނަބު އަމިންގެ ގަތިލު ހޯދުމަށް ލާހޯރު ހައިކޯޓުން ފުލުހުންނަށް 24 ގަޑިއިރުގެ މުހުލަތެއް ދީފި އެވެ.

ޒައިނަބު މަރާލާފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުންދާތާ ފަސް ދުވަސް ފަހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.

ލާހޯރުގެ ހައިކޯޓުން ބުނީ މިފަދަ މައްސަލަތައް ލަސްވުމަކީ ކުށްކުރާ މީހުންނަށް ދެވޭ ހިތްވަރެއް ކަމަށާއި މައްސަލާގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަން ޖެހޭ ކަމަށެވެ.

ޒައިނަބު ގެއްލުނީ ގުރުއާން ކިޔަވަން ދިިޔަ މަގުމަތީ ކަމަށް ހަބަރުތައް ބުނެ އެވެ. އޭރު އޭނާ ދިރިއުޅެމުންދިޔައީ ބޮޑުދައިތައެއްގެ ގޭގަ އެވެ. އޭރު މައިންބަފައިންވީ އުމްރާގެ އަޅުކަމަށް މައްކާއަށް ގޮހެވެ.

ޒައިނަބު ފެނުނުނީ އޭނާގެ ގެއާ ދެ ކިލޯ މީޓަރު ދުރުން ކުނިގޮނޑަކަށް އެއްލާލާފައި އޮއްވަ އެވެ. ޒައިނަބު މަރާލާފައި ވަނީ ރޭޕްކޮށް އަނިޔާކުރުމަށް ފަހު ކަމަށް އޮޓޮޕްސީ ރިޕޯޓު ބުނެ އެވެ.

ޒައިނަބު މަރާލި މީހާގެ ސައްހަ މައުލޫމާތު ފޯރުކޮށްދޭ ފަރާތަކަށް ޕަންޖާބުގެ ކެބިނެޓުން ވަނީ 10 މިލިއަން ރުޕީސްގެ ފައިސާގެ އިނާމެއް ހުށަހަޅައިފަ އެވެ.

ޒައިނަބުގެ ގާތިލު ކަމަށް ބެލެވޭ މީހާގެ ސީސީޓީވީ ފޫޓޭޖު ވެސް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.

comment ކޮމެންޓް