ސްރީލަންކާގެ ބަނދަރެއް ހަދަން އިންޑިއާ އިން 45 މިލިޔަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

އިންޑިއާއިން ލަންކާއަށްދޭ ފައިސާގެ އެހީގެ އެއްބަސްވުމުގައި ސޮއިކުރުން ---

ސްރީލަންކާގެ އުތުރުގެ ޖަފްނާ އަވަށުގައި ހުންނަ ކަންކެސުންތުރައި (ކޭކޭއެސް) ބަނދަރު ތަރައްގީ ކުރުމަށް އިންޑިއާ އިން 45 މިލިޔަން ޑޮލަރު ދިނުމަށް ނިންމައިފިއެވެ.

ސްރީލަންކާގެ ސަރުކާރުން ވަނީ ދެކުނުގެ ހަމްބަންތޮޓަ އަވަށުގެ ބަނދަރު ހިންގުމަށް 99 އަހަރަށް ޗައިނާގެ ކުންފުންޏަކަށް ދީފައެވެ. އެކަމާ އިންޑިއާ އިން ކަންބޮޑުވާ އިރު، ސްރީލަންކާ އިން ދަނީ އިންޑިއާ ވެސް ހިތްހަމަޖައްސައިދިނުމަށް އެ ގައުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަން އިންޑިއާގެ ކުންފުނިތަކަށް ވެސް ހަވާލުކުރަމުންނެވެ.

އެގޮތުން، ޖަފްނާގެ ކޭކޭއެސް ބަނދަރު ތަރައްގީކުރުމަށް އިންޑިއާގެ އިންވެސްޓްމެންޓެއް ލަންކާއިން ގަބޫލުކޮށްފައިވާ އިރު، އެކަމުގެ އެއްބަސްވުމުގައި، މިދިޔަ ހަފްތާ ތެރޭގައި ވަނީ ސޮއިކޮށްފައެވެ.

އިންޑިއާގެ އެކްސްޕޯޓު އިމްޕޯޓު ބޭންކުން ދޭ 45.27 މިލިޔަން ޑޮލަރު ނުވަތަ 6.9 ބިލިޔަން ލަންކާ ރުޕީސްގެ އެހީގެ އެއްބަސްވުމުގައި ދެގައުމުގެ ފަރާތުން ސޮއިކުރީ މިދިޔަ ބުދަ ދުވަހު، ނިއުދިއްލީގައެވެ.

މި އެހީއާ އެކު ކޭކޭއެސް ބަނދަރުގެ ވަށައި ބްރޭކްވޯޓާއެއް ލުމާއި ބަނދަރުގައި މިހާރު ހުރި ފާލަންތައް މަރާމާތުކުރުމުގެ އިތުރުން، ކޮމާޝަލް ކާގޯ ހެންޑްލިންގްގެ ކަންކަމަށް އާ ފާލަމެއް އެޅުމާއި ޕޯޓް އިންފްރާސްޓްރަކްޗާއާ ގުޅޭ ތަކެތި އިންސްޓޯލްކުރުން ހިމެނެއެވެ.

ލަންކާގެ އުތުރުގެ ޖަފްނާގައި ހުންނަ ބަނދަރު އިންޑިއާގެ އެހީގައި ތަރައްގީ ކުރަން ތައްޔާރުވަމުންދާ އިރު، ލަންކާއިން ވަނީ އެ ގައުމުގެ އިރުމަތީގައި އޮންނަ ޓްރިންކޮމަލީ އަވަށުގެ ބައިނަލްއަގުވާމީ ބަނދަރު ހިންގުމަށް އިންޑިއާއާ ހަވާލުކުރުމަށް ވެސް މަޝްވަރާކޮށްފައެވެ.

comment ކޮމެންޓް