ބާސެލޯނާ އިން ހުއްޓުމެއް ނެތި ކަޅި އަޅަމުން އަންނަ ލިވަޕޫލްގެ މިޑްފީލްޑަރު ފިލިޕް ކުޓީނިއޯ ހޯދުމަށް އެ ކުލަބަށް އެއްވެސް ޕްރޮޕޯސަލެއް އައިސްފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 25 އަހަރުގެ ކުޓީނިއޯ ހޯދުމަށް ބާސާއިން މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ތިން ފަހަރެއްގެ މަތިން ވަނީ ބިޑުކޮށްފައެވެ. އޭގެ ތެރޭގައި 130 މިލިއަން ޕައުންޑްގެ ބިޑެއް ވެސް ހިމެނުނު ކަމަށް މީޑިއާތަކުން ބުނެފައިވެއެވެ.
އެންމެ ފަހުން ބާސާއިން ކުޓީނިއޯ ހޯދުމަށް ހުށައެޅީ 118 މިލިއަން ޕައުންޑުގެ ބިޑު ވެސް ލިވަޕޫލުން ވަނީ ބަލައިނުގަނެފައެވެ.
ލިވަޕޫލްގެ މެނޭޖްމަންޓުން ކުޓީނިއޯ ވިއްކާލުމަށް ފަސްޖެހޭ މައިގަނޑު ސަބަބަކީ އޭނާ އެ ކްލަބް ދޫކޮށްލައިފިނަމަ މި ސީޒަނުގައި ތައްޓެއް ހޯދުމަށް ކުރަމުން އަންނަ އުއްމީދުތައް ގެއްލިދާނެތީއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ލިވަޕޫލް ޖާގަ ހޯދުމާއި ޕްރިމިއާ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ ރީތި ކުޅުމުގައި ކުޓީނިއޯގެ ހިއްސާ ބޮޑެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ކުޓީނިއޯ ވިއްކާލުމަށް ބޭނުންނުވާ ކަމަށާއި އޭނާއަކީ ޓީމަށް އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށް ބުނެފައެވެ.
ކުޓީނިއޯ މި މަހު ބާސާ އަށް ބަދަލުވާނެ ކަމަށް ބުނެ ބާސާ މެޗު ޖާޒީ ތައްޔާރުކޮށްދޭ ނައިކް ކުންފުނިން އޭނާގެ ނަންޖަހާފައިވާ ބާސާގެ ޖާޒީ އާއްމު ކުރުމާ ގުޅިގެން ލިވަޕޫލުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅަން ނިންމައިފައެވެ.