ޓޫރިސްޓު ރިސޯޓެއްގެގޮތުގައި ތަރައްގީކުރާ އެނބޫދޫ ފަޅުގެ ފުރަތަމަ ފިޔަވަހިން 10،000 ވަޒީފާ އުފެދޭނެކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ، އެނބޫދޫ ފަޅުގެ ފުރަތަަމަ ފިޔަވަހި އޮގަސްޓްމަހުގެ ތެރޭ ނިމޭއިރު އެތަނުން ދިވެހި ޒުވާނުންނަށް 10،000 އަށްވުރެ ގިނަ އާ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށެވެ.
އެނބޫދޫފަޅު ހިއްކައި، އެތަނުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތްކުރަނީ ތައިލެންޑުގެ ސިންހާ އެސްޓޭޓް ކުންފުންޏާއި، ރާއްޖޭގެ ޑްރީމް އައިލެންޑް ހޯލްޑިންގްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ، ޑްރީމް އައިލެންޑް ޑިވެލޮޕްމެންޓް ކިޔާ ކުންފުންޏަކުންނެވެ.
ޑްރީމް އައިލެންޑް ޑިވެލޮޕްމެންޓަށް ކ. އެނބޫދޫފަޅު ދީފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުއެވެ. އެނގިފައިވާ ގޮތުގައި، އެ ކުންފުންޏަށް އެނބޫދޫފަޅު ކުއްޔަށް ދީފައި ވަނީ 50 އަހަރުގެ މުއްދަތަކަށެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެނބޫދޫ ފަޅުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ތިން ރިސޯޓެއް ތަރަައްގީ ކުރާއިރު އެ ތިން ރިސޯޓުގައި 800 އެނދު ހުންނާނެއެވެ.
ފުރަތަމަ ތިން ރިސޯޓަކީ، ދުނިޔޭގެ މަޝްހޫރު ހޮޓެލް އަދި ރެސްޓޯރަންޓް ޗެއިން "ހާޑް ރޮކް"ގެ ބްރޭންޑުގެ ދަށުން ހުޅުވާނެ ތިން ރިސޯޓު ކަމަށް އެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިން ވަނީ މީގެ ކުރިން ބުނެފައެވެ.
އެ ރިސޯޓުގައި ޔޮޓު މެރީނާއަކާއި ޝޮޕިންގް ޕްރޮމިނޭޑަކާއި ކާބޯތަކެތި ވިއްކާ ވިއްސަށްވުރެ ގިނަ ކެފޭ އަދި ރެސްޓޯރަންޓާއި ދުނިޔޭގެ ފެންވަރުގެ ބީޗު ކްލަބަކާއި ރާއްޖޭގެ ސަގާފަތާއި އާދަކާދަ އަދި ކަނޑުގެ ދިރުންތައް ދައްކުވައިދޭ މަރުކަޒަކާއި އަދި ކައިވެނި ހަފްލާއާއި ބައްދަލުވުންތައް ބޭއްވުމަށް ދަރުބާރުގެތަކެއްގެ އިތުރުން ހަތަކަށް ވުރެ ގިނަ ބްރޭންޑުގެ ހޮޓެލް ހިމެނޭނެއެވެ.
އެނބޫދޫ ލެނގޫން މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރާ ރަށްތަކުގެ މަސައްކަތް 2020 ވަނަ އަހަރުގެ ނިޔަލަށް ނިންމާނެކަމަށް އެ މަޝްރޫއު ހިންގާ ސިންގ އެސްޓޭޓުން ވަނީ ބުނެފައެވެ.