އަލީ ރަމީޒުގެ އަޑަކީ މިހާރުވެސް ގިނަ ދިވެހިންނަށް އެންމެ މަގުބޫލު އަޑެވެ. އޭނާ ލަވަކިޔުމާ ދުރަށް ދިޔަ ނަމަވެސް އޭނާގެ އަޑުން ކިޔާފައިވާ ލަވަތަކަކީ އަދިވެސް މަގުބޫލުކަން ކުޑަނުވާ ލަވަތަކެކެވެ.
އަލީ ރަމީޒުގެ ލަވަތަކަށް ލޯބިކުރާ މީހުންނަށް މިފަހަރު މިއޮތީ އުފާވެރި ހަބަރެކެވެ. މީގެ ގާތްގަނޑަކަށް 16 ވަރަކަށް އަހަރު ކުރިން އެސްފިޔަ އަލްބަމް އަށް އަލީ ރަމީޒު ކިޔާފައިވާ "ދީވާނާ" އަދި ފަޒީލާ އާމިރާ އެކު ކިޔާފައިވާ "އާވާ ހަނދާނޭ" މި ދެލަވަ ފިލްމު، ތިޔަ ލޯތްބާ ދުރަށް" ގައި ވަނީ ހިމަނައިފައެވެ.
ފިލްމުގެ ޑައިރެކްޓަރު އަދި މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ސަން އަށް ބުނީ އެ ދެ ލަވައަކީ މަރީމެން އުފެއްދި އަލްބަމެއްގައި ހިމެނޭ ދެ ލަވަ ކަމަށާއި މިއަދާ ހަމައަށް އައި އިރުވެސް އެ ދެ ލަވައިގެ ވީޑިއޯ އެއް ހެދިފައި ނުވާތީ އާއެކު، އެެ ދެލަވަ ފިލްމު "ތިޔަ ލޯތްބާ ދުރަށް" ގައި ހިމެނީ ކަމަށެވެ. އެ ފިލްމުގައި ޖުމުލަ ހަތަރު ލަވަ ހިމެނޭނެއެވެ.
"ތިޔަ ލޯތްބާ ދުރަށް" ފިލްމަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ޑައިރެކްޓް ކުރާ ފުރަތަމަ ފީޗާ ފިލްމެވެ. އެ ފިލްމު މިއަހަރުގެ އޭޕްރީލްމަހުގެ 21 ގައި ސިލްވާ ސްކްރީނަށް އަންނާނެއެވެ.
ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައިވަނީ ސްރީލަންކާގައެވެ. ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނީ އަހުމަދު އަޒްމީލް (އަޒޭ) އާއި މަަލިހާ ވަހީދު (މަލް)ގެ އިތުރުން 2000 ގެ އަހަރުތަކުގެ ތެރޭގައި ވީޑިއޯ ލަވަތަކުން ވިދާލި މަރިޔަމް ޝަހުޒާ (ޝަހޫ) ގެ އިތުރުން ޝަހޫގެ ފިރިމީހާ އަހުމަދު އަމަން (ޓޮމް) އެވެ. މީގެ އިތުރުން ފިލްމުގެ ސައިޑް ރޯލަކުން ލަންކާގެ ތަރިއަކުވެސް ފެނިގެންދާނެއެވެ. ފިލްމުގެ ކެމަރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.
"ހިތު ވިންދު"، "ސަޒާ"، "ސިއްރު" އަދި "ހިތުގެ އެދުން" ފަދަ މަގްބޫލު ދިވެހި ވާހަކަތައް ލިޔެފައިވާ މަރީގެ ފުރަތަމަ ޑައިރެކްޝަން އޭނާގެ ވާހަކަތަކާ އެއްވަރަށް އަސަރުގަދަވާނެ ކަމާމެދު ޝައްކެއް ނެތެވެ.
ތިނެސްކަން ލޯބީގެ މި ފިލްމުގެ އިންތިޒާރުގައި މަރީގެ ވާހަކަތަކަށް ލޯބިކުރާ މީހުން ތިބޭނެ ކަން ޔަގީނެވެ.