ސައުދީ އާއި ޔޫއޭއީން އަލަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ފަށައިފި

ސައުދީ އަރަބިއާ އާއި ޔޫއޭއީން ޓެކްސް ނަގަން ފަށާފައި ވަނީ ދެ ގައުމުގެ އިގުތިސާދު ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރަން -- ފޮޓޯ: ރޮއިޓާސް

ރިޔާޛު (ޖެނުއަރީ 2): ސައުދީ އަރަބިއާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން މުދަލާއި ހިދުމަތުގެ އަގުން ފުރަތަމަ ފަހަރަށް ޓެކްސް ނަގަން ފަށައިފި އެވެ.

އިއްޔެއިން ފެށިގެން އެގައުމުން ވަނީ ކާބޯތަކެއްޗާއި ހެދުމާއި ކަރަންޓާއި ޔުޓިލިޓީ ބިލްތަކާއި ޕެޓްރޯލާއި ޑީސެލް އިން ފަސް ޕަސެންޓު ޓެކްސް ނަގަން ފަށާފަ އެވެ. ނަމަވެސް ސިއްހީ ފަރުވާ އާއި ޕަބްލިކް ޓްރާންސްޕޯޓު ފަދަ ހިދުމަތްތަކުން ޓެކްސް ނުނަގާނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.

އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމުގެ ސަބަބުން ގަލްފުގެ ގައުމުތަކުން ރެވެނިއު އިތުރު ކުރުމަށް އެޅި ފިޔަވަޅެކެވެ. ޔޫއޭއީން ލަފާ ކުރާ ގޮތުގައި ވެލިއު އެޑެޑް ޓެކްސް ތައާރަފް ކުރުމުން އެއް އަހަރު ތެރޭ އެގައުމަށް 12 ބިލިއަން ދިރްހަމް (3.3 ބިލިއަން ޑޮލަރު) ލިބޭނެ އެވެ.

އެ ދެ ގައުމުގެ އިތުރުން ގަލްފް ކޯޕަރޭޝަން ކައުންސިލުގައި ހިމެނޭ ގައުމުތައް ކަމަށްވާ ބަހްރެއިން، ކުވެއިތު، އޯމާން އަދި ގަތަރުން ވެސް ދަނީ އެންމެ ލަސް ވެގެން އަންނަ އަހަރު މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނަގަން ތައްޔާރުވަމުންނެވެ. (ބީބީސީ)

comment ކޮމެންޓް