މިއަދަކީ ކުރީގެ ފަސް ރުފިޔާ ބޭނުންކުރެވޭނެ އެންމެ ފަހު ދުވަސް

ކުރީގެ ދިވެހި ފަސް ރުފިޔާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދަކީ ކުރީގެ ފަސް ރުފިޔާ ނޫޓު ބޭނުންކުރެވޭނެ އެންމެ ފަހު ދުވަހެވެ. މިއަދަށް ފަހު އެ ފައިސާ ނޫޓަކީ ރާއްޖޭގައި ވިޔަފާރި މުއާމަލާތްތަކުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.

މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވި ގަރާރެއްގައި ވިދާޅުވެފައި ވަނީ، 10 މެއި 2017ގެ ކުރިން ނެރެފައިވާ ފަސް ރުފިޔާގެ ކަރުދާސް ނޫޓަކީ، 1 ޖެނުއަރީ 2018 އިން ފެށިގެން ރާއްޖޭގެ ލީގަލް ޓެންޑަރެއް ނޫން ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ނެރުނު "ރަންދިހަ ފަހެއް" ޕޮލިމާ ނޫޓު ސީރީޒްގެ ދަށުން، އެންމެ ފަހުން ނެރެފައި ވަނީ ފަސް ރުފިޔާގެ ނޫޓެވެ. އެ ނޫޓު ނެރުނީ 10 މެއި 2017 ވަނަ ދުވަހު އެވެ. އަދި ނޫޓު ބޭނުންކުރަންފެށީ 2017 އޯގަސްޓް 10 ވަނަ ދުވަހު އެވެ.

ރަން ދިހަފަހެއްގެ ފަސް ރުފިޔާގެ މޫނުމަތި --

އެހެންކަމުން މިރޭ އާ އަހަރު ފެށުމާ އެކު، ކުރީގެ ފަސް ރުފިޔާ ނޫޓު ބޭނުމެއް ނުކުރެވޭނެ އެވެ.

އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބުނެފައި ވަނީ 31 ޖުލައި 2021ގެ ނިޔަލަށް ފަސް ރުފިޔާގެ ބާ ނޫޓަށް އެމްއެމްއޭ އިން ބަދަލުދޭނެ ކަމަށެވެ.

ފަސް ރުފިޔާގެ އާ ނޫޓުން ދައްކުވައި ދެނީ ރާއްޖޭގެ އިޖްތިމާއީ އަދި މުއާސަލާތީ ގުޅުމުގެ މަންޒަރުތަކެއްގެ އިތުރުން އިތުރުން، ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން ކުރަހާފައިވާ ފުޓުބޯޅަ ކުޅުންތެރިއެކެވެ.

comment ކޮމެންޓް