"ރަން ދިހަފަހެއް" ފަސްރުފިޔާގެ އާ ނޫޓު ބޭނުންކުރަން ފަށައިފި

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި ރަން ދިހަފަހެއްގެ ފަސް ރުފިޔާ ބާޒާރަށް ނެރެދެއްވަނީ -- އެމްއެމްއޭ

"ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ދަށުން ފަރުމާކުރި ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ބާޒާރަށް ނެރެ މިއަދުންފެށިގެން ބޭނުންކުރަން ފަށައިފިއެވެ.

މިއަދު އެމްއެމްއޭގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި މި ނޫޓް ނެރެދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަޒީމާ އާދަމް އެވެ.

ދިވެހިރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި 2016 ވަނަ އަހަރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު "ރަން ދިހަފަހެއް" ނޫޓު ސީރީޒްގެ ނޫޓުތައް ފުރަތަމަ ނެރުނު އިރު ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ކޮއިނެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ފަހުން އެމްއެމްއޭއިން ނިންމީ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް ނެރުމަށެވެ. މި ނޫޓުވެސް ފަރުމާކުރީ ރަން ދިހަފަހެއް ސީރީޒްގެ އެހެން ނޫޓުތައް ފަރުމާކުރި އަބްދުﷲ ނަޝާތެވެ.

އަލަށް ތައާރަފްކުރި ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ. ނޫޓުގެ މޫނުމަތީގައި، ރާއްޖޭގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ ފޮޓޯއެއް އަސްލަކަށް ބަލައިގެން ކުރަހާފައިވާ ކުރެހުމެއްވެސް ހުރެއެވެ. ނޫޓުގެ ފަހަތުގައި ސަންގެއް ކުރަހާފައިވާއިރު އެއިން ދައްކުވައިދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެކެވެ. ނޫޓުގެ ޕެޓާން ދައްކައިދެނީ، އިޖްތިމާއީ ގުޅުން އަދި މުޅި ރާއްޖެ މުއާސަލާތީ ގޮތުން ގުޅިފައިވާކަން ދައްކައިދޭ ލައިން ޕެޓާނެކެވެ.

މި ފަސްރުފިޔާ އާންމުންނަށް ފޯރުކޮށްދިނުމަށް މިއަދު 10 ކުން 11 އަށް ދަތުރުވެރިންގެ މާރުކޭޓް ސީ 26 ވަނަ ގޮޅީގައި ފަސްރުފިޔާ ބަދަލުކޮށްދިނުން ވަނީ ކުރިޔަށްގެންގޮސްފައެވެ. އަދި މިއަދު 14:00 އިން 17:00 އެމްއެމްއޭގެ ވެހިކަލެއް ފަސްރުފިޔާ ބަދަލުކޮށްދިނުމަށް މާލޭގެ އެކިސަރަހައްދުގައި ދަތުރުކުރަމުން ގެންދާނެކަމަށް އެމެއެމްއޭއިން މައުލޫމާތުދެއެވެ.

comment ކޮމެންޓް