މާލޭގައި ހުންނަ އެފްއެސްއެމްގެ ޝެޑްތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރަނީ

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑުތައް އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެކަމުގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަހީރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ، އެ މަޝްރޫއަށް ގާތްގަނޑަކަށް 50 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ ޝެޑް ނިމުމުން އެތަނުން އެއްފަހަރާ ގާތްގަނޑަކަށް 20 އުޅަނދަށް ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ކަނޑުގައި ދުއްވާ އުޅަނދުތަކަށްވެސް ތެޔޮ އަޅައިދޭނެ އެ ޝެޑުން ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖަށް ޝެޑްތައް ބަދަލުކުރަން ނިންމީ، މާލޭގައި ތެޔޮ ބައުޒަރުތައް ދުއްވުމަކީ ނުރައްކާތެރިކަމަކަށްވުމުން ކަމަށާއި، އެ ޝެޑްތައް ހުޅުވުމުުން މަގުތަކުގައި ތެޔޮ ބައުޒަރުގެ އޮޕަރޭޝަންތައް ހުއްޓާލުން ކަމަށެވެ.

އެފްއެސްއެމްގެ ތިން ޝެޑަކުން މިހާރު މާލޭގައި ހިދުމަތް ދެމުންގެންދެ އެވެ. އިންޑަސްޓްރިއަލް ވިލެޖުގައި ހަދާ ޝެޑު ނިމުމުން މާލޭގައި ހުރި ތިން ޝެޑްވެސް ބަންދު ކުރަން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް