ހުޅުމާލޭގައި މަރުވި ދެ ޒުވާނުންގެ މަރާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުވާކޮށްފި

ސެޕްޓެމްބަރު މަހު ފަހުކޮޅު ހުޅުމާލޭގައި މަރުވި ދެ ޒުވާނުން: އަޙްމަދު ހާމިން، 22 ތ. ތިމަރަފުށި (ވ)، ފާތިމަތު ސަމާ، 18، މާލޭ ދަފްތަރު (ކ) -- ފޮޓޯ/ ޝޯސަލްމީޑިއާ

ހުޅުމާލޭގައި ކުއްލި ގޮތަކަށް މަރުވި ތ. ތިމަރަފުށީ، ފެހުނު، އަހުމަދު ހާމީން، 21، އާއި މާލޭ ދަފްތަރު ފާތުމަތު ސަމާ، 18،ގެ މަރާ ގުޅިގެން ފަސް މީހެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، އެ ފަސް މީހުންގެ މައްޗަށް ދަައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ މައްސަލާގައި ދައުވާކޮށްފައިވަނީ، ހަސަން ޒިދާނާއި އާދަމް ޝާހީނާއި އަހްމަދު އަމީންގެ އިތުރުން މަރިޔަމް މައިޝާ އަދި މަރިޔަމް އަފާގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލް އުގޫބާތުގެ 618 ވަނަ މާއްދާގެ ދަށުން، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެެވެ.

އެކުށަކީ ޖުނަހުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެކުށަށް އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ އެއް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.

އެ ފަސް މީހުންގެ ތެރެއިން ޒިދާންގެ މައްޗަށް އިތުރު ދައުވާއެއްވެސް ވަނީ އުފުލައިފައެވެ. އެއީ ދޮގުމައުލޫމާތު ދިނުމުގެ ދައުވާއެވެ.

ސަމާއާއި ހާމީން މަރުވެފައިވަނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ.

comment ކޮމެންޓް