ނ. އަތޮޅުގައި ބިޔަ މަޝްރޫއުއެއް ހިންގުމަށް 60 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ނ އަތޮޅުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން ---

ނ. އަތޮޅުގައި އެންމެ މަތީފެންވަރުގެ ޓޫރިޒަމް ތަރައްގީ ކުރުމަށާއި ބައިނަލްއަގުވާމީ އެއާޕޯޓަކާ އެކު ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ 60 މިލިއަން ޑޮލަރުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިއެއް (އެމްއޯޔޯ)ގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ނުވަތަ އަބޫދާބީ ފަންޑާ އެކު ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.

ޓޫއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ އެ އެއްބަސްވުމުގައި ސޮއިކުރެެއްވީ އަބޫ ދާބީ ފަންޑުގެ ފަރާތުން އެ ފަންޑުގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ސައިފް އަލީ ސައީދާ އެކު އެވެ.

އެ އެއްބަސްވުމާ އެކު ނ. އަތޮޅު މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކޮށް އެ ރަށުގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ޒަމީރު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއޫއާ އެކު ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ރާއްޖޭގެ ސްކޫލްތައް ޑިޖިޓަލައިޒް ކުރުމަށް ވެސް އެ ފަންޑުން އެހީވެދޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސިޓީ ހޮޓާ ހިންގާނީ އެއާޕޯޓު ތަރައްގީ ކުރާ ފަރާތުން ކަމަށާއި ނަމަވެސް ސިޓި ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތެއް އަދި ނުނިންމާ ކަމަށެވެ. ނަމަވެސް މާފަރު އެއާޕޯޓާއި ސިޓީ ހޮޓާ އަޅައިދޭނެ ކޮންޓްރެކްޓަރަކު އަބޫދާބީ ފަންޑުން ހޯދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ޓަފް އޯފްޝޯ އިންޖިނިއަރިންއާ އެވެ. އެކުންފުނިން މަޝްރޫއު ކުރިއަށް ގެންދާނީ އިތުރު އެހެން ކުންފުންޏަކާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ މަޝްރޫއަކީ އަބޫ ދާބީ ފަންޑުގެ ހިލޭ އެހީގައި ހިންގުމަށް ނިންމާފައިވާ މަޝްރޫއެކެވެ.

މިނިސްޓަރު ވިދާޅުވީ ނ. އަތޮޅު ލަގްޒަރީ ޓޫއަރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޔޫއޭއީގެ ރިއަލް އެސްޓޭޓް ކުންފުނިތަކާ އެކު މަޝްވަރާތައް ކުރިއަށް ގެންދަވާފައިވާ ކަމަށެވެ.

ނ. ހެނބަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާދިއްތަ ދުވަހު ރައީސް ޔާމީން ވިދާޅުވީ މާފަރުގެ އެއާޕޯޓް އަޅަން ޔޫއޭއީ އިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ އެއާޕޯޓަކީ ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭނެ ކަމެއް ކަމަށެވެ.

"އެއާޕޯޓަކީ އެބޭފުޅުން (ޔޫއޭއީން) އަޅުގަނޑުމެންގެ ރައްޔިތުންނަށް ކޮށްދެއްވާ ހަދިޔާއެއް. މިސަރުކާރާ އިމާރާތުގެ ސަރުކާރާ ދޭތެރޭ އޮތް ގާތްކަން ރަމްޒުކޮށްދޭ ހަދިޔާއެއް ގޮތުގައި. ހަމަ އެއާ އެކީ އެއާޕޯޓުގައި ސިޓީ ހޮޓަލެއް ހެދިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ނ. އަތޮޅުގައި އެއާޕޯޓު އެޅުމަށް އެންމެ ފުރަތަމަ ހަވާލުކުރީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް އާ އެވެ. ނަމަވެސް މަސައްކަތް ފެށުން ލަސްވުމުން އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއަށް ފަހު ނ. މާފަރުގައި އެއާޕޯޓު އެޅުމަށާއި އޮޕަރޭޓްކުރުމަށް ސަން ސިޔާމް ރިސޯޓްސް އަށް ދީފައި ވަނީ މި އަހަރުގެ އޭޕްރީލްގަ އެވެ.

ނަމަވެސް ޔޫއޭއީ އިން އެ މަޝްރޫއު ހިންގުމަށް ބޭނުންވުމުން އެއްވެސް ބަދަލެއް ނުނަގާ އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ.

comment ކޮމެންޓް