ދެހާސް ސާދަވަނަ އަހަރު ޗައިނާގެ ރައީސް ޝީ ޖިން ޕިންގް ރާއްޖެއަށް ކުރެއްވި ތާރީޚީ ދަތުރުފުޅަށް ފަހު، ދިވެހި ސަރުކާރާއި ޗައިނާއިން ގުޅިގެން ފެށި ގިނަ މަޝްރޫއުތަކުގެ ތެރޭގައި، ދެގައުމުގެ ދެމެދުގައި މިނިވަންކޮށް ވިޔަފާރިކުރެވޭނެ މަގެއް ހޯދުން ހިމެނެ އެވެ.
ހަތަރު އަހަރު ދުވަހުގެ ދިގު މަޝްވަރާތަކަކަށް ފަހު، ރާއްޖެއާއި ޗައިނާއާ ދެމެދު ފްރީޓްރޭޑް އެގްރިމެންޓު އެކުލަވާލައި، މިއަހަރު އޭގައި ވަނީ ސޮއިކޮށްފައެވެ.
އިންޑިއާ ކަނޑުގެ މެދުގައި ފެތުރިފައި އޮތް ރާއްޖެއާ ޗައިނާ ބާއްވާ ގާތްކަމާ މެދު، ސަރަހައްދުގެ މައިބަދަ ކަމަށްވާ އިންޑިއާއިން ބަލަނީ ޝައްކުގެ ނަޒަރަކުންނެވެ.
އިންޑިއާގެ އެކި ނޫސްތަކާއި އެނަލިސްޓުން މި މައުޟޫއުގައި ކަންބޮޑުވުން ފާޅުކުރަމުން ދެއެވެ. ރާއްޖެ އާއި ޗައިނާއާ ދެމެދު ވި އެއްބަސްވުމާ ގުޅޭގޮތުން ވެސް މެ އެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ބުނީ، އެއްޗެއް ބުނަން އެނގޭނީ "އެއްބަސްވުމުގައި ބުނާ އެއްޗެއް ރަނގަޅަށް ދިރާސާކުރުމަށް ފަހު،" ކަމަށް ކަމަށެވެ.
ދިވެހި ސަރުކާރުން ބުނީ ޗައިނާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުން ހެދުމަކީ އިންޑިއާ ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި އެއާ ގުޅިގެން އިންޑިއާއާ އެކު އޮތް ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ. އަދި "އިންޑިއާ ފަސްޓް ޕޮލިސީ" އަބަދުވެސް ރާއްޖޭން ގެންގުޅޭނޭ ކަމަށެވެ.
މި އެއްބަސްވުމާ އެކު ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރި ވަރަށް ބޮޑަށް ފުޅާވެ، ފައްކާވެގެންދާނެ އެވެ. މައިގަނޑު ގޮތެއްގައި، ރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓުކުރުމަށް ޑިއުޓީ ދައްކާކަށް ނުޖެހޭނެ އެވެ. ޑިއުޓީ ކަނޑާލެވުމުން، ރާއްޖެއިން ޗައިނާއަށް ގިނަ އަދަދަކަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރެވޭނެއެވެ.
ހަމަ އެއާ އެކު، ޗައިނާއިން ރާއްޖެއަށް ވެސް އެތެރެކުރާ ބައެއް މުދަލުން ޑިއުޓީ ކަނޑާލުމުގެ ނަތީޖާއަކަށް ވާނީ، އެތަކެތީގެ އަގުތައް ހެޔޮވުމެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވި ގޮތުގައި، މި އެއްބަސްވުމާ އެކު ދިވެހީންނަށް ހައްގުވާ އިންގިލާބީ ތަރައްގީ ހޯދުމަށް މަގުފަހިވާނެ އެވެ.
ރާއްޖެއަށާއި ޗައިނާއަށް މި އެއްބަސްވުމުގެ ފައިދާ ނުހަނު ބޮޑަށް ކުރި ނަމަވެސް، މިއީ އިންޑިއާގެ ނަޒަރުގައި ނުރައްކާ ކަމަކަށް ވެދާނެ އެވެ. ސަބަބަކީ، ރާއްޖެއާ އެކު ޗައިނާއަށް އެއްވެސް ހުރަހަކާ ނުލައި ވިޔަފާރި ކުރެވުމަކީ ޗައިނާގެ ނުފޫޒު ރާއްޖޭގައި ގަދަކުރެވޭނެ ގޮތެއް ކަމަށް އިންޑިއާއިން ދެކޭތީ އެވެ.