ރާއްޖެއާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ރާއްޖެ އާއި ޗައިނާ އާ ދެމެދު ގާއިމް ކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ މިނިސްޓަރ އޮފް ކޮމަރސް ހިޒް އެކްސެލަންސީ ޒޮންގް ޝާންއެވެ. އެ އެއްބަސްވުމުގެ ނަމަކީ "ފްރީ ޓްރޭޑް އެގްރީމަންޓް ބިޓްވީން ދަ ގަވާންމަންޓް އޮފް ދަ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އެންޑް ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް" އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ޗައިނާގެ ވެރިރަށް ބެއިޖިންގައި ހުންނަ ގްރޭޓް ހޯލް އޮފް ޕީޕަލްގަ އެވެ. ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ޗައިނާގެ ރައީސް ހިޒް އެކްސެލެންސީ ޝީޖިންޕިންގ ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ފެށީ 2014 ވަނަ އަހަރުއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް މަޝްވަރާތަކުގެ ހަތް ބުރެއް ބާއްވާފައިވެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 29 ގައި ރުހުން ދީފައެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެއެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށްވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، ސަރުކާރުގެ އިސްވެރިންގެ ވަފުދެއް މިހާރު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 11 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.