ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ދިވެހިންނަށް ހައްގުވާ އިންގިލާބީ ތަރައްގީ ހޯދުމަށް އިތުރަށް މަގުފަހި ވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ހަފްލާގައި ދުއާ ކުރެއްވުމަށް ރައީސްގެ ދެކަނބަލުން ދެ އަތް ނަންގަވައިގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން މިރޭ ހުޅުވި ރައީސްގެ ރަސްމީ ކެމްޕޭން އޮފީސް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާއާއެކު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުން، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިވެ، ރައްޔިތުންނަށް ވެސް އެ އެއްބަސްވުމުގެ ފައިދާ ކުރާނެ ކަމަށެވެ.
"ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން، ރާއްޖޭގެ ތަރައްގީއަށްޓަކައި ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިވެ، ދިވެހިންނަށް ހައްގުވާ އިންގިލާބީ ތަރައްގީ ހޯދުމަށް އިތުރަށް މަގުފަހި ވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ޑިސެމްބަރ 12، 2017: ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
ރައީސް އިތުރަށް ވިދާޅުވީ، ދިވެހިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ހަމައަށް ވާސިލުވުމަށްޓަކައި ހުރިހާ ރައްޔިތުން ވެސް ގުޅިގެން، އިހުލާސްތެރި ކަމާއެކު މަސައްކަތް ކުރުން މުހިއްމު ކަމަށެވެ.
އަދި ސަރުކާރުން ހިންގަވާ އެކިއެކި މަޝްރޫއު ތަކަކީ ދިވެހި ރައްޔިތުންގެ ލާބައަށްޓަކައި ހިންގަވާ މަޝްރޫއު ތަކެއް ކަމުން، ހުރިހާ ރައްޔިތުން ވެސް އެކަމަށް އެއްބާރުލުން ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ޑިސެމްބަރ 12، 2017: ރިޔާސީ އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ރައީސް ޔާމީންގެ ރަސްމީ ކެމްޕޭން އޮފީސް ހުޅުވުމަށް ބޭއްވި ހަފްލާގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ
"ރައީސް ޔާމީން ކެމްޕެއިން އޮފީސް"ގެ ނަމުގައި މާފަންނު ވެސްޓު ޕާކުގައި ހަދައި މިރޭ ހުޅުވި ތިން ބުރީގެ ކެމްޕެއިން އޮފީހަކީ ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ކުރަންޖެހޭ ކަންކަން ހިންގާނެ ރަސްމީ މައި އޮފީހެވެ.
ރައީސް އަބްދުﷲ ޔާމީން ހުޅުވައިދެއްވި އެ އޮފީހުގެ ކަންކަމުގައި އިސްކޮށް އުޅުއްވާނީ ރައީސްގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހިމް ކަމަށް ޕީޕީއެމުން ބުނެއެވެ.