ރާއްޖެއާ ޗައިނާއާ ދެމެދު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން އެއްޗެއް ބުނަން އެނގޭނީ އެ އެއްބަސްވުން ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފއެއާޒްގެ ތަރުޖަމާނު ރަވިޝް ކުމާރު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާއްޖެއާ ޗައިނާއާ ދެމެދު އެއްބަސްވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރަވީޝް ކުމާރު ވިދާޅުވީ، ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުން އެ އެއްބަސްވުމުގައި ސޮއިކުރުމަށް އާނ ބަސް ބުނީ ވަރަށް އަވަސް އަރުވާލައިގެން ކަމަށެވެ. އަދި އެ އެއްބަސްވުން އޭނާއަށް އަދި ފެނިފައި ނުވާކަމަށާއި އެއާ ގުޅޭގޮތުން އިވިފައިވާނީ މީޑިއާގައި ރިޕޯޓްކުރަމުންދާ ވާހަކަތައް ކަމަށެވެ.
އަދި އިންޑިއާއިން އެ އެއްބަސްވުމާ ގުޅޭ ގޮތުން އެއްޗެއް ބުނާނީ "އެއްބަސްވުމުގައި ބުނާ އެއްޗެއް ރަނގަޅަށް ދިރާސާކުރުމަށް ފަހު،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރަވީޝް ކުމާރު ވިދާޅުވީ، ރާއްޖެއާ އިންޑިއާ އާއި ދެމެދު ޒަމާނުއްސުރެވެސް އޮންނަނީ ގާތް ގުޅުމެއް ކަމަށެވެ. ޑިޕްލޮމެޓިކް ގުޅުމުގެ އިތުރުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވެސް ގާތް ގުޅުމެއް އޮންނަކަން ފާހަގަ ކުރައްވައި ރަވީޝްް ކުމާރު ވިދާޅުވީ، އުއްމީދަކީ މި ގުޅުން އަބަދުވެސް ބަދަހިކަން މަތީ ދެމި އޮތުން ކަމަށެވެ.
މީގެ އިތުުރުން އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރަނި "ރާއްޖެއަށް ގެންނަ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެހީ ފޯރުކޮށްދިނުމަށް" ކަމަށްވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެހެން ގައުމުތަކާއެކު ގުޅުންބަދަހިކުރި ނަމަވެސް "އިންޑިއާ ފަސްޓް" ފޮލިސީއަށް ރާއްޖެއިން އިސްކަންދޭނެ ކަމަށް އުއްމީދު ކުރައްވާ ކަަމަށެވެ.
ޗައިނާއާ ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓަރު މުހައްމަދު ސަައީދާއި ޗައިނާގެ މިނިސްޓަރ އޮފް ކޮމާރސް ޒޮންގް ޝާންއެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް މަޝްވަރާތައް ފެށީ 2014 ވަނަ އަހަރުއެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުން އެކުލަވާލުމަށް މަޝްވަރާތަކުގެ ހަތް ބުރެއް ބާއްވާފައިވެއެވެ. އެ އެއްބަސްވުމުގައި ސޮއިކުރަން ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހުގެ 29 ގައި ރުހުން ދީފައެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާއެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓު ކުރެވޭނެއެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށް ސަރުކާރުން ބުނެއެވެ. އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށްވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އަދި މި އެއްބަސްވުމުގެ ސަބަބުން އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.