ފަތުރުވެރިކަމުގެ އީދާ ދިމާކޮށް މަހުޖަނުންގެ ޖެޓްތައް ވެލާނާ އެއާޕޯޓަށް

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން އައި ފުރަތަމަ ފްލައިޓް -- ސަން ފޮޓޯ

ކޮންމެ އަހަރަކުވެސް ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ދުވަސްވަރުކަމުގައިވާ އާ އަހަރާ ގުޅުވައިގެން ބޭރުގެ މަހުޖަނުންގެ ގިނަ ޖެޓްތަކެއް ކުރިއަށް އޮތް ދުވަސްތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނާނެކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ހަސަން އަރީފް ވިދާޅުވީ 130 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް މިއަދުން ފެށިގެން ކުރިއަށް އޮތް 10 ވަރަަކަށް ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށެވެ.

ހަސަން ވިދާޅުވީ، ޖެޓްތައް އެންމެ ގިނައިން އަންނަން ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހު 36 ޖެޓް އަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަހުގެ 27 ވަނަ ދުވަހު 34 ޖެޓް އަދި 30 ވަނަ ދުވަހު 38 ޖެޓް އަންނާނެ ކަމަށް ވެސް ހަސަން ވިދާޅުވިއެވެ.

މި ދުވަސްވަރާ ދިމާކޮށް މިހާރުވެސް ޖުމްލަ ގޮތެއްގައި ދުވާލެއްގެ މައްޗަށް 12 އަށްވުރެ ގިނަ ޕްރައިވެޓް ޖެޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރީ އަހަރުތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖާގަ ނެތިގެން ޖެޓުތައް ޕާކުކުރަން ރާއްޖޭގެ އެހެން އެއާޕޯޓުތަކަށާއި އަވަށްޓެރި ގައުމުތަކަށް ފޮނުވާފައިވެއެވެ. ނަމަވެސް ޕްރައިވެޓް ޖެޓުތަކަށް ޚާއްސަކޮށް ގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އުތުރުކޮޅުގައި ތަރައްގީ ކޮށްފައިވާ އޭޕްރަން ބޭނުން ކުރަން ފަށާފައި ވާތީ، ރާއްޖެ އަންނަ ހުރިހާ ޖެޓް ތަކަށްވެސް މިހާރު ވަނީ އެ އެއާޕޯޓުގައި ޖާގަ ތަނަވަސްވެފައި ކަމަށް އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް، ހަސަން ވިދާޅުވިއެވެ.

comment ކޮމެންޓް