ސްޕެއިން ފުލުހުން ގާޑިއޮލާގެ މައްސަލައެއް ތަހުގީގުކުރަނީ

ކެޓަލޯނިއާގެ މިނިވަންކަމަށް ގޮވާލައި ބޭއްވި އިހްތިޖާޖުގައި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާ ވާހަކަ ދައްކަނީ -- ފޮޓޯ: ޓްވިޓަރ

ކެޓަލޯނިއާ މިނިވަންވުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވެފައިވާތީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޮލާގެ މައްސަލައެއް ސްޕެއިން ފުލުހުން ތަހުގީގުކުރަމުން ދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ގާޑިއޮލާގެ މައްސަލަ ސްޕެއިން ފުލުހުން ތަހުގީގު ކުރުމަށް ފަހު، ތަހުގީގު ރިޕޯޓު އެ މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ލާރެންއާ މިހާރު ހަވާލުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.

މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ނެގި ކެޓަލޯނިއާ މިނިވަން ކުރުމުގެ ފެންނަ ނުފެންނަ ވޯޓަކީ، ގާނޫނާ ޚިލާފަށް ނެގި ވޯޓެއްކަމަށް ބުނެ، އެ މަސައްކަތުގައި އިސްކޮށް ޚަރަކާތްތެރިވި ފަރާތްތައް ސްޕެއިން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައާ ގުޅިގެން، އެކްޓިވިސްޓް ޖޯޑީ ސަންޗޭޒާއި ޖޯޑީ ކުއިޒާޓް ވަނީ ޖަލަށް ލައިފައެވެ.

ސްޕެއިން ފުލުހުން، ގާޑިއޯލާއާއި އަދިވެސް އެނޫން ފަރާތްތައް ތަހުގީގުކުރަމުންދަނީ، އެމީހުން ބަގާވާތެއް ކުރަން އުޅުނުކަމަށް ބުނެއެވެ.

ގާޑިއޯލާއަކީ، ކެޓަލޯނިއާގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ތާއީދުކޮށް ފާޅުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. އޭނާ ވަނީ، މިދިޔަ ހޫނު މޫސުމުގެ ތެރޭގައި ބާސެލޯނާގައި އެތަކެއް ހާސް މީހުންނާއެކު ބޭއްވި ކެޓަލޯނިއޯ އިންޑިޕެންޑެންސް ރެލީގައި، ކެޓަލަން ސަރުކާރުގެ ރައީސް ކާލްސް ޕުއިޑެމޮންޓާއެކު ބައިވެރިވެ އަޑުއުފުލައިފައެވެ.

އެ ހިނގާލުމުގައި ބައިވެރިވި ފަރާތްތަކާ މުހާތަބުކޮށް ގާޑިއޮލާ ބުނެފައިވަނީ، "ސްޕެއިންގެ ސަރުކާރުން ބޭނުން ނުވި ކަމުގައި ވީ ނަމަވެސް" އޮކްޓޯބަރު 1ގައި ބާއްވާ ވޯޓުގައި އެންމެހާ ފަރާތްތަކުން ބައިވެރިވުމަށެވެ.

ސުޕެއިންގެ ސަރުކާރާ ދެކޮޅަށް، ކެޓަލަންގައި ވޯޓު ބާއްވައި، ބޮޑު އަޣްލަބިއްޔަތަކުން އެ ވޯޓު ކާމިޔާބު ކުރިނަމަވެސް، ސްޕެއިން ސަރުކާރުން ވަނީ، ކެޓަލަން މިނިވަން ނުކުރެވޭނޭ ކަމަށް ބުނެ، އެކަމުގައި އުޅުނު އިސްފަރާތްތަކުގެ ތަހުގީގެއް ފަށައިފައެވެ.

comment ކޮމެންޓް