އޭޝިއާގެ ރަން މެޑަލް ހޯދިތާ ތިން ދުވަސް ފަހުން އިރާގުގެ ބޮޑީބިލްޑަރު ސަޖާދު މަރުވެއްޖެ

އިރާގުގެ މަޝްހޫރު ބޮޑީބިލްޑިންގ ޗެމްޕިއަން ސަޖާދު ޖަވާދު--

އޭޝިއަން ބޮޑީބިލްޑިންގ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައި، މުޅި ގައުމަށް ރީތި ނަން ހޯދައިދިންތާ އެންމެ ތިން ދުވަސް ފަހުން، އިރާގުގެ މަޝްހޫރު ބޮޑީބިލްޑިންގ ޗެމްޕިއަން ސަޖާދު ޖަވާދު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

އިރާގުގެ ނޭޝަނަލް ފެޑެރޭޝަން އޮފް ބޮޑީބިލްޑިންގ އެންޑް ފިޓްނަސްއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ވަނީ އުމުރުން 30 އަހަރުގެ ސަޖާދު މަރުވިކަން ކަށަވަރުކޮށްދީފައެވެ. އެ ބަޔާނުގައި ފެޑެރޭޝަންގެ ރައީސް ފާއިޒް އަބްދުލް ހަސަން އާއި އެހެނިހެން އޮފިޝަލުން ވަނީ ސަޖާދުގެ އާއިލާއަށާއި ގާތްތިމާގެ މީހުންނަށް ފުން ހިތާމައާއެކު ތައުޒިޔާ ފޮނުއްވައި، އޭނާއަށް ހެޔޮ ރަޙްމަތް ލެއްވުން އެދި ދުޢާކޮށްފައެވެ.

ނަމަވެސް އޭނާ މަރުވާން ދިމާވި ސިއްހީ ސަބަބެއް އެ ފެޑެރޭޝަނުންވެސް އަދި ކަމާބެހޭ އެހެން އެއްވެސް ރަސްމީ އިދާރާއަކުންވެސް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ތައިލެންޑްގެ ޕަޓާޔާގައި މި ނޮވެމްބަރު މަހު ކުރިއަށްދިޔަ އޭޝިއަން ބޮޑީބިލްޑިން ޗެމްޕިއަންޝިޕްގައި އިރާގުގެ ގައުމީ ޓީމު ތަމްސީލުކޮށް ސަޖާދު ރަން މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ 90 ކިލޯގެ ކެޓަގަރީންނެވެ.

ދުނިޔޭގެ 35 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ވާދަކުރި މި ޝަރަފުވެރި މުބާރާތުގައި ސަޖާދު ބޮޑު ކާމިޔާބީއެއް ހޯދިއިރު، މިއީ މީގެ ކުރިން ހަމަ މި މުބާރާތުގެ 90 ކިލޯ ކެޓަގަރީގައި ވާދަކޮށް 11 ވަނަ ލިބުނު ސަޖާދުގެ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ކުޅިވަރުގެ މައިދާނުގެ އިތުރުން ސަޖާދަކީ އިރާގުގެ ހެލްތު މިނިސްޓްރީގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފެކެވެ. ސޯޝަލް މީޑިއާގައި "ޑރ. މަސްލް" ގެ ނަމުން މަޝްހޫރުވެފައިވާ ސަޖާދުގެ އިންސްޓަގްރާމް އެކައުންޓް 260,000 އަށްވުރެ ގިނަ މީހުން ފޮލޯކުރެއެވެ.

އޭޝިއާގެ ޗެމްޕިއަންކަން ހޯދުމާ ގުޅިގެން މުޅި އިރާގު އުފާފާޅުކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް ލިބުނު މި ހިތާމަވެރި ޚަބަރާއެކު އެ ގައުމުގެ ކުޅިވަރު އާއިލާއަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ.

ރަން މެޑަލް ހޯދުމަށްފަހު ސަޖާދު އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރި އެންމެ ފަހު ޕޯސްޓަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާއި އެތުލީޓުން ދަނީ ހިތާމަފާޅުކޮށް، އޭނާގެ ކުޅިވަރުގެ ޚިދުމަތްތަކުގެ އަގުވަޒަންކޮށް މެސެޖުތައް ލިޔަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު