ރިނބުދުއަށް ދަތުރުދާން ހުއްދަ ނަގަންޖެހޭ ގޮތަށް ނެރުނު އިއުލާން އެލްޖީއޭއިން ބާތިލްކޮށްފި

ރިނބުދޫ ގޮނޑުދޮށް -- ފޮޓޯ/ އައްސަދު ފޮޓޯގްރަފީ

ދ. ރިނބުދޫ ކައުންސިލުގެ ހުއްދަނެތި އެރަށަށް ދަތުރު ދިއުން މަނާކޮށް ކުރި އިއުލާނު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބާތިލްކޮށްފިއެވެ.

ރިނބުދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ އެރަށަށް ދަތުރު ދާންވާނީ އެރަށު މީހަކު ޒިންމާ ވާގޮތަށް ރަށު ކައުންސިލުން ހުއްދަ ނަގައިގެން ކަމަށެވެ.

އެކަމާ ގުޅިގެން ކައުންސިލުގެ ރައީސް ހާތިމް އިބްރާހިމަށް އެލްޖީއޭއިން ފޮނުވި ސިޓީގައި ބުނެފައިވަނީ، އެ އިއުލާނަކީ ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ނިގުޅައިގެންފައިވާ ބާތިލު އިއުލާނެއް ކަމަށެވެ.

އެލްޖީއޭއިން ބުނީ، ދަތުރުފަތުރު ކުރުމުގެ މިނިވަން ކަމަކީ ހުރިހާ ރައްޔިތުންނަށްވެސް ގާނޫނު އަސާސީން ލިބިދީފައިވާ މިނިވަން ކަމެއް ކަމަށާއި އެހެންކަމުން ގާނޫނުއަސާސީއާ ހިލާފަށް އެފަދަ ކަންކަން މަނާކުރުމުގެ ބާރު ކައުންސިލަށް ލިބިގެން ނުވާ ކަމަށެވެ.

އަދި އެފަދަ ބާރުތައް ހިފެހެއްޓޭނީ ގާނޫނު އަސާސީގައި ބުނާ ފަދައިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅައި މަޖިލީހުން ފާސްކޮށްގެން ކަމަށް އެލްޖީއޭގެ ސިޓީގައި ވަނީ ބުނެފައެވެ.

އެހެންކަމުން ރިނބުދޫ ކައުންސިލުން ކުރި އިއުލާނު ބާތިލުކޮށް އެކަން ވަނީ ސިޓީގައި އަންގައިފައެވެ.

އަދި ކުރިއަށް އޮތްތަނުގައި ނިންމުމެއް ނިންމާ ނަމަ އެކަމަކާ ގުޅޭ ފުރިހަމަ މައުލޫމާތު އެލްޖީއޭ މެދުވެރިކޮށް ހޯދުމަށްވެސް ވަނީ އަންގައިފައެވެ.

comment ކޮމެންޓް