ލާމަރުކަޒީ ނިޒާމުގެ މިހާރުގެ ޗެމްޕިއަނަކީ ރައީސް މުއިއްޒު: އާދަމް ޝަރީފް

ރައީސް ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލާ ބައްދަލުކުރެއްވުން: ލާމަރުކަޒީ ނިޒާމުގެ މިހާރުގެ ޗެމްޕިއަނަކީ ރައީސް މުއިއްޒު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ލާމަރުކަޒީ ނިޒާމުގެ މިހާރުގެ ޗެމްޕިއަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ދިއްގަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ ކައުންސިލްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ރައީސް ޑރ. މުޢިއްޒަށްވުރެ ވަކި ކުޅަދާނަ ބޭފުޅަކު ނުހުންނާނެ ކަމަށެވެ. މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ކައުންސިލްތައް ހިންގުމުގައި ނުލިބޭ ބާރާއި، ކައުންސިލްތަކާއި ސަރުކާރާ ގުޅުވާލައިދިނުމަށް ކުރާ މަސައްކަތުގެ ދެވަނައެއް ނެތް ރީތި މިސާލުތައް މި ސަރުކާރުން ދައްކާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ކައުންސިލްތަކަށް އިރާދަ ކުރެއްވިއްޔާ ކުރިޔަށް އޮތް ފަސް އަހަރުގެ ތެރޭގައި ދުވަހަކު ވެސް ނުލިބޭ ވަރު ކުރިއެރުންތައް ހޯދަދޭނަން. އެ ކުރިއެރުންތައް ނުލިބޭކަމުގައި ވެއްޖިއްޔާ އަޅުގަނޑު ވެސް އިސްތިއުފާދޭނަން. އެވަރުގެ ވެސް ހިތްވަރު ހުންނާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި، ރައްޔިޔުންގެ ފަރާތުން ކައުންސިލްތަކުން ވާހަކަ ދައްކަަވަން ވަޑައިގަންނަވާއިރު، މިނިސްޓަރު ވެސް ކައުންސިލްތަކާ އެކުގައި ހުންނަވާނެ ކަމަށެވެ.

"...136 ކައުންސިލަކާ އަޅުގަނޑުމެން ބައްދަލުކުރިއިރު، ގިނަ ކައުންސިލްތަކުން ވިދާޅުވެފައި އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި، އެ ބޭފުޅުންގެ ވުޒާރާއޭ. އަޅުގަނޑަށް ކިޔަނީ އަޅުގަނޑުމެންގެ ވަޒީރޭ. އޭގެ މާނައަކީ އެމްޑީޕީގެ ކައުންސިލަރުން ވެސް، ދެން ތިބޭ ބޭފުޅުން ވެސް ވަރަށް ބޮޑަށް މި ވުޒާރާ ބަލައިގަނެފިއޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ މިހާރުގެ ޗެމްޕިއަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވުން -- ސަން ފޮޓޯ/ މޫސާ ނަދީމް

ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކުގެ އެކައުންޓުގައި ހުރި ފައިސާކޮޅު މާލެ ގެންދަން ނޫން ކަމަށާއި، ބޭނުމަކީ ކައުންސިލްތައް ބާރުވެރިކޮށް، އާމްދަނީ އިތުރުކުރުވަން ކަމުގައި ވެސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެ މަސައްކަތުގައި ސާބިތުކަމާ އެކު ސަރުކާރު އޮންނާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ރައީސް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނ. ކެނދިކުޅުދޫއަށް ވަޑައިގަތުމުން، ކައުންސިލުން ވަނީ އެއީ ކެމްޕޭން ހަރަކާތަކަށް ދައުލަތް ބޭނުންކުރުން ކަމަށް ބުނެ ނުރުހުން ފާޅުކޮށް ނޫސްބަޔާނެއް ނެރެފައެވެ. ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އެ ބަޔާން ބާތިލުކުރަން އަންގައި، އެ ރަށު ކައުންސިލަށް ސިޓީއެއް ފޮނުވައިފައެވެ.

މިކަމާ ގުޅިގެން ސަރުކާރުން ކައުންސިލްތަކުގެ ބާރުހަނިކުރަނީ ކަމަށް ބުނެ ގިނަބަޔަކު ނުރުހުން ވެސް ފާޅުކުރިއެވެ. އެހެން ނަމަވެސް ކައުންސިލަކުން ނެރޭ ނޫސްބަޔާނެއް ބާތިލުކުރަން އެލްޖީއޭއަށް ނޭނގޭނެ ކަމަށް އެ އިދާރާއަށް ވެސް ގާނޫނީ ލަފާ އަރުވާފައިވާކަން ސަރުކާރުން ވަނީ މިއަދު ހާމަކޮށްފައެވެ.

ކައުންސިލްތަކާ ބައްދަލު ކުރެއްވުމަށް ރައީސް ފެއްޓެވި ދަތުރުފުޅަށް މަސްދުވަސްވީއިރު، މި ދަތުރުފުޅުގެ ތެރެއިން މިހާތަނަށް އެ މަނިކުފާނު ވަނީ 136 ކައުންސިލަކާ ބައްދަލު ކުރައްވައި، ރަށްތަކުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އައްސަވާފައެވެ. އަދި ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން ރަށު ކައުންސިލްތަކުގެ އިހުތިސާސްގައި ފަޅުރަށް ހިމަނައިގެން، އެ ރަށްތަކުގައި ވިޔަފާރި ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް