ރައީސަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތު ތަހުގީގު ކުރަންޖެހޭ: ޔާމީން

ޕީޕީއެމްގެ ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވަނީ ރައީސް މުއިއްޒަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކުރަން ގޮވައިލާފައި --- ސަން ފޮޓޯ/ އަބްދުﷲ އަބީދު

ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހައިސިއްޔަތުން ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ކެމްޕޭން ކުރައްވާ ކަމަށް ބުނެ ނ. ކެނދިކުޅުދޫ ކައުންސިލުންކުރީ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް ކަމަށާއި އެ މައްސަލަ ތަހުގީގު ކުރެވެންޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އަތޮޅުތެރެއަށް ފެއްޓެވި ދަތުރުފުޅުގައި ކެނދިކުޅުދޫއަށް ވަޑައިގެން، އެ ރަށުގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެ ރަށު ކައުންސިލުން ވަނީ ނުރުހުން ފާޅުކޮށް، އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އޭގެ ފަހުން، ލޯކަލް ގަވާމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ ބަޔާން ބާތިލުކުރަން ވެސް އަންގައިފައެވެ.

އެކަމަކު، ބަޔާން ބާތިލުނުކުރާން ކެނދިކުޅުދޫ ކައުންސިލުން ނިންމި ފަހުން، ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވަނީ ކައުންސިލަކުން ނެރޭ ބަޔާނެއް ބާތިލުކުރަން އެލްޖީއޭއަށް ނޭންގޭނެ ކަމަށް ވިދާޅުވެފައެވެ.

އެ ކަމާ ގުޅިގެން ނުރުހުން ފާޅުކުރައްވާ ވާހަކަފުޅުދައްކަވަމުން ރޭ ޕީއެންއެފްއިން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ޔާމީން ވިދާޅުވީ، ރަށެއްގެ ރައްޔިތުން އިންތިޚާބުކޮށްފައި ތިބި ކައުންސިލަކުން ރައީސުލްޖުމްހޫރިއްޔާއަށް ކުރަނީ ބޮޑު ތުހުމަތެއް ކަމަށެވެ. އެއީ، ކޮރަޕްޝަންގެ ތުހުމަތުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ އެ މައްސަލައިގައި އެލްޖީއޭއާއި ބަންޑާރަނައިބުގެ ހިޔާލުތަފާތުވުމާ ގުޅޭ ގޮތުން ބައެއް ސުވާލުތައް އަމާޒުކުރައްވައިފައެވެ.

ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް ޔާމީން، ޕީއެންއެފްގެ ޖަލްސާއެއްގައި: ޔާމީން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް

ރައީސް މުއިއްޒުގެ ސަރުކާރަށް ހަފުތާއެއް ނުވަނީސް ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާދެއްވައި އާ ޕާޓީއެއް އުފައްދަވަން އުޅުއްވައި ޔާމީން ވިދާޅުވީ، ބަންޑާރަނައިބުގެ ވާހަކަފުޅުން އޭނާ ތާއީދުކުރައްވަނީ ކެނދިކުޅުދޫ ކައުންސިލުން ދެއްކި ވާހަކައަށް ކަމަށެވެ.

އެހެންވެ، ރައީސް ކުރައްވާ ދަތުރުފުޅުތަކާ ގުޅޭ ގޮތުން ކައުންސިލަކުން ކޮށްފައި އޮތް ތުހުމަތު ތަހުގީގުކުރަންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މިކަން ނިމޭއިރު އެބަޖެހޭ ކެނދިކުޅުދޫ ކައުންސިލުން ދެއްކި ވާހަކަ ތަހުގީގުކުރަން. ނޫނީއްޔާ ބަންޑާރަނައިބު އެބަ ވިދާޅުވާންޖެހޭ އެ ދަތުރުފުޅުތައް އެބަޖެހޭ ތަހުގީގުކުރެވެން،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މިހާރު ވެރިކަމުގައި ތިއްބެވީ މިދިޔަ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކެމްޕޭން ކުރައްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ރަސްމީ ލޯންޗުކޮޅުގައި ވަޑައިގެންނެވުމުން އެ ކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި ބޭފުޅުން ކަމަށެވެ. އެހެންވެ، މިހާރު ކެނދިކުޅުދޫ ކައުންސިލުން ކުރި ތުހުމަތުތަކުގެ އަސްލާ ހަމައަށް ވާސިލުވާންޖެހޭ ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވިއެވެ.

ޔާމީން އަދި ރައީސް މުއިއްޒު: ޔާމީން ގެންދަވަނީ މި ސަރުކާރަށް އެކިއެކި ކަންކަމުގައި ފާޑުވިދާޅުވަމުން -- ސަން ފޮޓޯ/ މުހައްމަދު މާހިލް

"މިހާރު މި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރަސްމީ ލޯންޗުގައި ދިވެހިރާއްޖޭގެ ނިޝާން އިންނަ ތަނުގައި ޕެޗެއް އަޅައިގެން ދަތުރުކުރީމާ އެންމެ އަޑުހަރުކޮށް ގޮވި މީހުން އަޅުގަނޑުމެންގެ ތެރޭގައި މި ވަގުތު ވެރިންނަށް މި ތިބީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންނަކީ ނަމޫނާ ދައްކައިގެން ހިނގާ ބަޔަކަށް އެބަ ވާންޖެހޭ ދެއްތޯ،"

އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމުގެ މަގުސަދުގައި ރައީސް މުއިއްޒު ފައްޓަވާފައިވާ ދަތުރުފުޅުތަކުގައި ކެމްޕޭންކުރާ ކަމަށް ކެނދިކުޅުދޫ ކައުންސިލުން ތުހުމަތުކުރުމުން ސަރުކާރުން ސީދާ ރައްދެއް ދީފައެއް ނުވެއެވެ.

އެކަމަކު، ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އެންގި މައްސަލައިގައި ވެސް ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

ޑިސެމްބަރު 25، 2022 ގައި ދަށު ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމުން ޔާމީން އަދިވެސް ސަލާމަތްވެވަޑައެއް ނުގަންނަވައެވެ. އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ހުކުމްނުކުރެވި އޮންނަތާ ތިން މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

comment ކޮމެންޓް