އެއްވެސް ރަށެއްގެ ކައުންސިލަކުން ނުވަތަ އަތޮޅު ކައުންސިލަކުން ނިންމާ ނިންމުމެއްގެ ސަބަބުން އެއްވެސް ފިޔަވަޅެއް އެޅުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ކެމްޕޭން ކުރައްވާ ކަމަށް ތުހުމަތުކުރައްވައި ނ. ކެނދިކުޅުދޫ ކައުންސިލުން ވަނީ އެކަން ކުށްވެރިކޮށް ނޫސްބަޔާނެއް ނެރެފައެވެ. އެކަމަކު، ލޯކަލް ގަވަރުމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ވަނީ އެ ކައުންސިލްގެ ބަޔާން ބާތިލުކުރަން އަންގައިފައެވެ.
އެ އެންގުން ގާނޫނާ ހިލާފު ކަމަށް ދޭހަވާ މޭރުމަކުން ބަންޑާރަނައިބު އަހުމަދު އުޝާމް ވެސް ވާހަކަ ދައްކަވާފައިވާއިރު އެލްޖީއޭގެ އެންގުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން ވަނީ އަމާޒުވެފައެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަކާ ގުޅޭ ވުޒާރާއާއި އެލްޖީއޭއިން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ވުޒާރާއެއް ރައީސް އުފެއްދެވި ނަމަވެސް އެލްޖީއޭ ހިންގަނީ މިނިވަންކޮށް ކަމަށެވެ. ސަރުކާރުގެ ސިޔާސަތު ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވީ ކައުންސިލެއްގެ ބަޔާނެއް ނުވަތަ ނިންމުމަކާ ގުޅިގެން މީގެ ފަހުން އެލްޖީއޭއިން އެއްވެސް ފިޔަވަޅެއް އަޅައިފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"މިނިސްޓްރީއެއް އުފެދިފައިހުރި ކަމުގައި ވިޔަސް ވެސް، ލޯކަލް ގަވަރުމަންޓު އޮތޯރިޓީ ހިނގަމުން އެ ދަނީ ހަމަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި އެލްޖީއޭ އޮންނަ އިހްތިސާސްގެ ތެރެއިން،" ޝަރީފް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެލްޖީއޭއިން ގާނޫނު އަސާސީއާ ހިލާފުވެއްޖެ ނަމަ އެ ކަމެއް ބަލާނީ ބަންޑާރަނައިބުގެ އޮފީހުން ކަމަށެވެ. އަދި، ކައުންސިލަކުން ގާނޫނުއަސާސީއާއި ގާނޫނުތަކާ ހިލާފުވެއްޖެ ކަމަށް ފެނިއްޖެ ނަމަ އެލްޖީއޭއިން އެ ކަމެއް ބަލާނެ ކަމަށެވެ.
"މީގައި ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު. އެހެންވީމާ އަޅުގަނޑަކަށް ހިއެއްނުވޭ ދެނެއް މިގޮތަށް ނެރޭ ބަޔާނަކާ ގުޅިގެން ފިޔަވަޅެއް އަޅައިފާނެ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އެފަދައިން ވިދާޅުވި ނަމަވެސް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ވަނީ އެލްޖީއޭއިން ނެރުނު ބަޔާން ދިފާއުކުރައްވާ ވާހަކަފުޅު ދައްކަވައިފައެވެ.
ބަންޑާރަނައިބު ވަނީ އެ މައްސަލައިގައި އެލްޖީއޭއިން އަމަލުކުރި ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން، ގާނޫނުގައި އޮންނަނީ އިންކުއަރީއެއް ހެދުމަށްކަން އަންގައިފައެވެ. އެކަމަކު، ޒުލްފާ ވިދާޅުވީ، އެގޮތަށް އަމަލުނުކުރީ މައްސަލައިގެ ހައްސާސްކަމަށް ބެލުމަށް ފަހުގައި ކަމަށެވެ.
"އިންކުއަރީއެއް ފައްޓައިގެން ކުރިއަށްދާއިރުގައި އެ މައްސަލައިގެ މުއާލާތް އޮންނާނީ ކެނޑިފައި،" ސަބަބު ސާފުކޮށްދެއްވަމުން އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަންޑާރަނައިބު ދެއްވި ގާނޫނީ ލަފައަކީ ވަރަށް ރަނގަޅު ލަފައެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަމަކު، ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އެންގީ އެއީ ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން ލިބޭ ކަމަކަށް ވާތީ ކަމަށެވެ.
ޒުލްފާ ވިދާޅުވީ ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލުކުރަން އެންގި އަނެއް ސަބަބަކީ އެ ބަޔާން ނެރުމުގެ ކުރިން، ކައުންސިލްތަކުން ބަޔާންތަކާއި ނިންމުންތައް ނިންމާއިރު އާންމު ޖަލްސާއަކުން ނިންމަން އަންގާފައި އޮއްވައި އެ އުސޫލާ ހިލާފަށް ބަޔާން ނެރުއްވާފައިވާތީ ކަމަށެވެ.
"އެ ބަޔާނަކީ އަދި އެފަދަ އިންކުއަރީއެއް ހިންގުމަށްވުރެ ބޮޑަށް ނަސޭހަތްތެރިވެ، އިރުޝާދު ދެނިވި ގޮތަކުން ފިޔަވަޅެއް އެޅިދާނެ ކަމެއް ކަމުގައި ދެކި، އެ އިދާރާ ހިންގަން ހުރި ބޭފުޅެއްގެ ހައިސިއްޔަތުން އަޅުގަނޑު އެ ބޭފުޅުންނަށް ނަސޭހަތްތެރިވެ އެ ސިޓީ އެ ފޮނުވީ،" އޭނާ ވިދާޅުވިއެވެ.
ޒުލްފާ ވިދާޅުވީ، ކައުންސިލްތަކުން ނެރޭ ބަޔާންތަކާ ގުޅިގެން މީގެ ކުރިން ވެސް އެލްޖީއޭއިން އެފަދަ ސިޓީތައް ފޮނުވާފައި އެބަހުރި ކަމަށެވެ.