އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒައާމަތުގައި އެމެރިކާ އިންދޭ ޑްރޯން ހަމަލާތައް އިތުރުވެފައިވާ ކަމަށް އިނގިރޭސިވިލާތުގެ އެންޖީއޯއެއް ކަމަށްވާ ލަންޑަންގެ ބިއުރޯ އޮފް އިންވެސްޓިގޭޓިވް ޖާނަލިޒަމް (ބީއައިޖޭ) ނެރުނު ރިޕޯޓެއްގައި ބުނެފި އެވެ.
ލަންޑަންގެ އެ އެންޖީއޯ އިން ބުނީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ސޯމާލިއާއަށް އެމެރިކާ އިން ދީފައިވާ ޑްރޯން ހަމަލާތައް ދެ ގުނަ އިތުރުކޮށްފައިވާ ކަމަށާއި އަދި ޔަމަނަށްދޭ ޑްރޯން ހަމަލާތައް ވެސް ތިން ގުނަ އިތުރުވެފައިވާ ކަމަށެވެ.
ޓްރަމްޕް މިދިޔަ މާޗް މަހު ވަނީ އެމެރިކާއަށް ނުރައްކާތެރި ކޮންމެ ގައުމެއްގެ ސަރަހައްދަކަށް ވައިގެ ހަމަލާ ދިނުމުގެ އިހުތިޔާރު އަސްކަރިއްޔާއަށް ދީފަ އެވެ. އެ ގަރާރުގެ ދަށުން ހަމަލާތައްދޭ އިރު އެމެރިކާގެ ސަރުކާރަށް އެކަން ކުރިން އަންގާކަށް ނުޖެހޭނެ އެވެ.
"ޓްރަމްޕް ގަރާރު ނެރުއްވިތާ މަސް ދުވަސްތެރޭ 30 ޑްރޯން ހަމަލާ ޔަމަނަށް ވަނީ ދީފައި. މިއީ މުޅި 2016 ވަނަ ދިން ޑްރޯން ހަމަލާއާ އެއްވަރުގެ އަދަދެއް. އެމެރިކާ އިން މި އަހަރު ޔަމަނަށް ދިން 125 ހަމަލާ މުޅިންހެން އަމާޒުކޮށްފައި ވަނީ ޔަމަނުގެ މެދުތެރެއަށް." ބީއައިޖޭ އިން ނެރުނު ރިޕޯޓްގައި ބުންޏެވެ.
"އެމެރިކާ އިން މި އަހަރު ޖުލައިގެ ފަހުން ވަނީ ސޯމާލިއާއަށް 32 ޑްރޯން ހަމަލާ ދީފައި،" ބީއައިޖޭ އިން ނެރުނު ރިޕޯޓްގައި އިރުރަށް ބުންޏެވެ.
ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް ކަމަށް ބުނެ އެމެރިކާ އިން ދަނީ ޕާކިސްތާނާ ދެކޮޅަށް ވެސް ޑްރޯން ހަމަލާތައް ދެމުންނެވެ. އެ ހަމަލާތަކުގެ ސަބަބުން އެތަކެއް ސަތޭކަ އާންމުން އެގައުމުގައި ވަނީ މަރުވެފަ އެެވެ.
އެމެރިކާގެ ޑްރޯންތައް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަންނަ ނަަމަ ވައްޓާލުމަށް ޕާކިސްތާނު ސަރުކާރުން ދާދި ފަހުން ވަނީ އެ ގައުމުގެ އެއާފޯސް އަަށް އަމުރުކޮށްފަ އެވެ. ޕާކިސްތާނުން ބުނީ ޑްރޯން ހަމަލާތަކަކީ އެގައުމުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ.