ގްރީޒްމަންއާއި ކޫޓީނިއޯ ބާސާއަށް ގެންނަން ސުއަރޭޒް ބޭނުން

ލުއިސް ސުއަރޭޒް ގަބޫލުކުރާ ގޮތުގައި ލިވަޕޫލްގެ ބްރެޒިލް ފޯވާޑް ފިލިޕޭ ކޫޓީއޯ އަކީ މިހާރު އެންމެ މޮޅެތި ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް -- ފޮޓޯ: ސްކައިސްޕޯޓްސް

އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ތަރި އެންޓޮއިން ގްރީޒްމަންއާއި ލިވަޕޫލްގެ ބްރެޒިލް ތަރި ފިލިޕޭ ކޫޓީނިއޯއަށް ބާސެލޯނާއިން މަރުހަބާ ކިޔާނޭ ކަމަށް އެޓީމުގެ ފޯވާޑް ލުއިސް ސުއަރޭޒް ބުނެފިއެވެ.

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓްގައިވެސް ބާސާއިން ވަނީ، ކޫޓީނިއޯ ގެންނަން ތިން ފަހަރެއްގެ މަތިން ބިޑްކޮށްފައެވެ. އެހެން ނަމަވެސް އޭރު ލިވަޕޫލް ރުއްސޭގޮތް ނުވުމުން މިހާރު ބާސާގެ އުންމީދަކީ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި ކޫޓީނިއޯގެ ޓްރާންސްފަރ ނިންމާލުމެވެ.

ސްޕެއިންގެ ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ މުންޑޯ ޑިޕޯޓިވޯއިން ރިޕޯޓުކޮށްފައިވާ ގޮތުން، ބާސާގެ ޕްރެޒިޑެންޓް ޖޯޒެފް މާރިއާ ބާޓޮމެއު ވަނީ، މި ހަފްތާ ތެރޭގައި ގްރީޒްމަންގެ އާއިލާއާ ބައްދަލުކޮށްފައެވެ.

އެތުލެޓިކޯ މެޑްރިޑްގެ ފްރާންސް ފޯވަޑް އެންޓޮއިން ގްރީޒްމަން --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ޑައިރެކްޓަރ އޮފް އިންސްޓިޓިއުޝަނަލް ރިލޭޝަންސް ގުއިލެމޯ އާމޯވެސް ވަނީ، ގްރީޒްމަންގެ އާއިލާއެކު ބާސާގެ ރައީސް މަޝްވަރާތަކެއް ކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަން ދެކޮޅު ހަދައިފައެވެ.

"ގްރީޒްމަން އާއި ކޫޓީނިއޯއަކީ އެންމެ މަތީ ލެވެލްގައި ކުޅެމުން އަންނަ އެލީޓް ކުޅުންތެރީން،" އާރްއޭސީ105އަށް ދިން އިންޓަވިއުއެއްގައި ސުއަރޭޒް ބުންޏެވެ.

ސުއަރޭޒް ބުނީ، މިހާރު އެ ދެކުޅުންތެރީން އެތިބި ކްލަބުތަކުގައި ތިބީ ސަބަބެއް އޮވެގެން ކަމަށެވެ.

"އެއީ ޒުވާން، ކުރިމަގު އުޖާލާ އަދި ދިގު ކެރިއަރެއް އޮތް ކުޅުންތެރީން. ބާސާއިން އަބަދުވެސް ބޭނުންވަނީ އެންމެ މޮޅެތި ކުޅުންތެރީން،" ކޫޓީނިއޯ އާއެކު ކުރިން ލިވަޕޫލްގައިވެސް ކުޅެފައިވާ އުރުގުއޭ ފޯވާޑް ބުންޏެވެ.

comment ކޮމެންޓް