އަމާޒަކީ ދެކުނު އޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ރާއްޖެ ހެދުން: ޖިހާދު

މިހާރު ކުރިއަށްދާ އިންވެސްޓް ފޯރަމްގައި ނައިބު ރައީސް ޖިހާދު އަދި އިކޮނޮމިކް މިނިސްޓަރު ސައީދު --ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ އަމާޒަކީ ދެކުނު އޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ރާއްޖެ ހެދުން ކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ބޭރުގެ ފަރާތްތަކަށް އަންގައިދީ އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމުގެ މަގުސަދުގައި މިއަދު ދުބާއީގައި ފެށި އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ޖިހާދު ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރަން މިއަަށްވުރެ ރަނގަޅު ދުވަސްވަރެެއް ނެތް ކަމަށެވެ.

"ރާއްޖެ މިއޮތީ އިންވެސްޓްމަންޓްތަކަށް ހުޅުވާލައިފައި. ރާއްޖޭގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް އިތުބާރާއި ޔަގީންކަން ސަރުކާރުން ދެން. އިންވެސްޓްމަންޓްތަކުން ހައި ރިޓާން އެއް ލިބޭނެ. ސަރުކާރުގެ އަމާޒަކީ ދެކުނުއޭޝިއާގައި ވަރުގަދައަށް އިންވެސްޓުކުރާ ތަނަކަށް ރާއްޖެ ހެދުުން. އަޅުގަނޑު ޔަގީންކަން ދެން ރާއްޖޭގައި އިންވެސްޓްކުރުމަށް މި ދަނޑިވަޅަށްވުރެ ރަނގަޅު ދަނޑިވަޅެއް ނެތް ކަން،" ޖިހާދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީިތިކަމާއި ވަށައިގެން އޮންނަ ބިޔަ ކަނޑުތަކުގެ އިތުރުން ރާއްޖޭގެ އޮތް ސަރަހައްދުގެ ސަބަބުން އެކާވީސް ގަރުނުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރަން ބޮޑެތި ފުރުސަތުތަކެއް އެބައޮތް ކަމަށެވެ.

މިހާރު ކުރިއަށްދާ އިންވެސްޓް ފޯރަމްގައި ނައިބު ރައީސް ޖިހާދު އަދި އިކޮނޮމިކް މިނިސްޓަރު ސައީދު --ފޮޓޯ: ރައީސް އޮފީސް

ރާއްޖެ އޮތީ އިންވެސްޓްމަންޓްތަކަށް ހުޅުވިފައި ކަމަށާއި ރާއްޖޭގައި އިންވެސްޓްކުރާ މީހުންނަށް އިތުބާރާއި ޔަގީންކަން އޮންނާނެ ކަމަށް ވެސް ޖިހާދު ވިދާޅުވިއެވެ.

ރާއްޖޭގައި ކުރާ އިންވެސްޓްމަންޓްތަކުން ބޮޑެތި ނަފާތައް ލިބޭނެކަމުގެ ޔަގީންކަން ވެސް ނައިބު ރައީސް ދެއްވިއެވެ.

ރާއްޖޭގައި އިންވެސްޓް ކުރުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސަތުތަކަށް އަލިއަޅުވާލައްވައި ޖިހާދު ވިދާޅުވީ އިގްތިސާދު ކުރިއެރުވުމުގެ ގޮތުން ކުރިން ހުރި ގާނުނުތައް ބަދަލުކޮށް، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނެއް ހަދައި ޗައިނާއާއި ޔޫއޭއީއާ އެކު ވިޔަފާރީގެ އެއްބަސްވުންތައް ގާއިމްކޮށްފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދާ އިންވެސްޓް ފޯރަމްގައި ނައިބު ރައީސް ޖިހާދު އަދި އިކޮނޮމިކް މިނިސްޓަރު ސައީދު --- ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަަކަށް ތައުރީފް ކުރައްވައި ޖިހާދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ގެންގުޅުއްވާ "ސިޔާސަތުތަކުގެ މޭވާ" މިހާރު ފެންނަމުންދާ ކަމަށާއި، ޓޫރިޒަމްގެ އިތުރުން އެހެނިހެން ދާއިރާތުކުން ވެސް އޭގެ ނަތީޖާ ފެންނަމުންދާ ކަމަށެވެ. އެގޮތުން ކޮންސްޓްރަކްޝަނާއި ރިއަލް އެސްޓޭޓްގެ އިތުރުން ދަތުރުފަތުރާއި ފައިނޭންސްގެ ދާއިރާ ރާއްޖޭގައި ކުރިއަރަމުންދާކަން ޖިހާދު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއަށް 14 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދު ކުރިއަރަމުންދާކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ ރިޕޯޓްތަކުން ވެސް ދައްކާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ޔޫއޭއީ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުމަށް އަލިއަޅުއްވާލައްވައި ޖިހާދު ވިދާޅުވީ ޔޫއޭއީއާ ރާއްޖެއާ ދެމެދު 333 މިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވިފައިވާކަމަށް އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.

comment ކޮމެންޓް