ޗައިނާއާ އެކު ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ސޮއިކުރިޔަސް އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
ޓީވީއެމް އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އާސިމް ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ.
"މިއީ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން އެހެން ގައުމުތަކާއެކު އޮންނަ ގުޅުމަށް އެއްވެސް ބުރުލެއް އަރާނެ ކަމެއް ނޫނޭ. ނޫނީ އަރަންޖެހޭ ކަމެއްވެސް ނޫނޭ. ޚާއްސަކޮށް އަޅުގަނޑުމެންގެ އަވަށްޓެރި އިންޓިއާ އަށް ބަލާލާ ކަމުގައިވާނަމަ، އިންޑިއާ އަކީ އަޅުގަނޑުމެންގެ ޒަމާންވީ ވަރަށްގާތް ގުޅުމެއް އޮންނަ ގައުމެއް،" ޑރ. އާސިމް ވިދާޅުވިއެވެ.
އެފްޓީއޭއާ ގުޅޭގޮތުން ފޮރިން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށާއި އެފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަގުސަދަކީ އިގްތިސޯދީގޮތުން އިތުރަށް ރާއްޖެއަށް ތަރައްގީ ގެނައުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.
އާސިމް ވިދާޅުވީ ޗައިނާއާ އެކު އެފްޓީއޭގައި ސޮއިކުރިޔަސް ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ ދަތިކަމެއްގައި އިންޑިއާގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށެވެ.
މިސާލެއްގެ ގޮތުގައި މިނިސްޓަރު އާސިމް ފާހަގަކުރެއްވީ 3 ނޮވެމްބަރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި އިންޑިއާގެ ފަރާތުން ލިބުނު އެހީތެރިކަމެވެ.
ތަފާތު އެކި ދާއިރާތަކުން މިހާރުވެސް އިންޑިއާ އިން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އޭގެތެރޭގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާގެ އިތުރުން ސަލާމަތީ ޚިދުމަތްތަކުގެ ދާއިރާ ހިމެނޭ ކަމަށް އާސިމް ވިދާޅުވިއެވެ.
"ތައުލީމީ ދާއިރާ އަށް ބަލާލިޔަސް އަދި ސިއްހީ ދާއިރާއަށް ބަލާލިޔަސް ނޫނީ އަދި ސަލާމަތީ ދާއިރާއަށް ބަލާލިޔަސް އަޅުގަނޑުމެންނަށް އިންޑިއާގެ އެހީތައް ފެންނަމުން މިދަނީ. އަދި މި ތަފާތު ދާއިރާތަކުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ މަސައްކަތް ކުރިއަށްމިދަނީ،" ޑރ. އާސިމް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާ އަށް ރަސްމީ ދަތުރުފުޅެއް ވަނީ ކުރައްވާފައި ކަމަށެވެ. އަދި އޭނާ މިނިސްޓަރުކަމާ ހަވާލުވެޑައިގަތުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ އިންޑިއާ އަށް ކަމަށާއި އެކަމުން ވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ބަދަހިކަން ހާމަވާ ކަމަށް އާސިމް ވިދާޅުވިއެވެ.
ޗައިނާއާ އެކު އެފްޓީއޭގައި ސޮއިކުރުމުން ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތް ގުޅުމަށް އަސަރުކުރާނެ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވަނީ ދާދިފަހުން އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރިޔާޒު ވިދާޅުވީ އެއީ ސަރުކާރުން ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށާއި އެވާހަކަތައް ދެއްކެވީ ވިލުފުށީ ދާއިރާގެ މެމްބަރުގެ ހައިސިއްޔަތުން ކަމަށެވެ.
ގއ. އަތޮޅު ކައުންސިލްގެ މެމްބަރުންނާ އިންޑިއާގެ ސަފީރު ބައްދަލުކުރައްވާފައި ވަނިކޮށް ލޯކަލް ގަވާމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ހޯމް މިނިސްޓްރީގެ ހުއްދަ ނެތި ބޭރުގެ ޑިޕްލޮމޭޓުންނާ ކައުންސިލަރުން ބައްދަލުކުރުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި ސާކިއުލާއެއް ނެރެފައެވެ.
އެ ސާކިއުލާއާ ޚިލާފުވި ކަމަށް ބުނެ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ މުސާރަ ނުލިބޭގޮތަށް ތިން މަހަށް ސަސްޕެންޑުކޮށްފައެވެ.