މުބާރާތުގެ ސަބަބުން ރަންވަނަތައް ހޯދައިދޭނެ ކުޅުންތެރިން އުފެދިގެންދާނެ: ސިޔާމް

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާން ޑްރޮގްބާ މާޅެންދުއަށް އައުން --- ސަން ފޮޓޯ/ ޝާން

ސިޔާމް-މައުރޫފް ސޮކާ ކަޕުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އެމުބާރާތުގެ ތެރެއިން، ރާއްޖެއަށް ރަންވަނަ ތަކެއް ހޯދައިދޭނެ ކުޅުންތެރިން ތަކެއް އުފެދިގެންދާނެ ކަމަށް އެ މުބާރަތުގެ އެއް ބާނީ އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

އެ މުބާރާތުގެ ފައިނަލް މެޗުގައި ބައިވެރިވެވަޑައިގަތުމަށް މިވަގުތު މާޅެންދޫގައި ހުންނަވައިގެން ސިޔާމް ވިދާޅުވީ ނ. އަތޮޅުގައި ބޮޑު ފުޓްބޯޅަ މުބާރަތެއް ބޭއްވުމުގެ މަގްސަދަކީ އެ މުބާރަތުގެ ތެރެއިން ރާއްޖޭގެ ފުޓްބޯޅަ އުސްމިންތަކަކަށް ގެންދިޔުން ކަމަށާއި އަދި އެ މުބާރާތުގެ ތެރެއިން ދެން ވަރަށް ރަނަގޅު ކުޅުންތެރިން ތަކެއް އުފެދޭނެ ކަމަށެވެ.

" މީގެ ހުރިހާވެސް މަގުސަދަކަށް ވެގެން މިދަނީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް މީގެ ހުރިހާ ފައިދާއާ ލާބަ ލިބޭނެ ގޮތައް މިކަން ކުރަން. މީގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައަށް އިތުރު އުސްމިންތަކަކަށް ދިޔުމުގެ ފުރިހަމަކަން ލިބިގެންދާނެ. މުބާރާތުގެ ސަބަބުން މޮޅެތި ކުޅުންތެރިން އުފެދިގެން ދާނެ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ މި މުބާރާތުގެ ތެރެއިން ފެނިގެންދިޔަ އެންމެ ހިތްގައިމު މަންޒަރަކީ ނ. އަތޮޅުގެ ހުރިހާ ރައްޔިތުންވެސް ވަރަށް އެކުވެރިކަމާއެކު މަސައްކަތް ކުރި މަންޒަރު ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި އަހުވަންތަކަން ގާއިމު ކުރުމަކީވެސް މި މުބާރާތުގެ މަގްސަދެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސިޔާމް-މައުރޫފް ސޮކާ ކަޕުގެ ހާއްސަ މެހެމާނަކަށް ޑްރޮގްބާ ގެނައުމާއި ގުޅޭ ގޮތުން ސިޔާމް ވިދާޅުވީ، ޑްރޮގްބާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި އޭނާއަކީ ވަރަށް އަހުލާގުވެސް ރަނގަޅު ކުޅުންތެރިއެއް ކަމަށެވެ.

ސިޔާމް ވިދާޅުވީ ޑްރޮގްބާ ރާއްޖެ އައުމާއެކު އޭނާއާށް ފެނިގެންދިޔައީ ވަރަށް އިހުލާސްތެރި އަދި ތެދުވެރި ރައްޔިތުންތަކެއް އުޅޭ ގައުމެއްގެ ގޮތުގައި ކަމަށާއި އެކަމުގެ ސަބަބުން ބޭރު ގައުމު ތަކުގައި ދިވެހިރާއްޖޭގެ ނަން މަޝްހޫރުވެގެންދާނެ ކަމަށެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މިމުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރާނީ މިލަދޫ އަދި ލަންދޫ އެވެ.

comment ކޮމެންޓް