ކުލަބު އީގަލްސްގެ އިތުބާރު ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ގުޅުމާ ގާތަށް ޖެހިލައިފިއެވެ.
މިކަން ކުލަބުގެ ބައެއް ބޯޑު މެމްބަރުންވެސް ވަނީ ސަންއަށް ކަށަވަރުކޮށްދީފައެވެ. ރިޒޭ ނިއުއާ ގުޅުމަށް ނިންމީ މި ސީޒަނުގެ ނިޔަލަށެވެ.
ގައުމީ ފުޓުބޯޅަ ޓީމުގައިވެސް ހިމެނެމުން އަންނަ ރިޒޭއަކީ ރާއްޖޭގައި މިހާރު ތިބި ފޯވާޑުންގެ ތެރޭގައި އެންމެ ނަން ހިނގާ އެކަކެވެ.
މިއީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އިތުރަށް ވަރުގަދަކުރުމުގެ ބޮޑު ޕްލޭނުގެ ދަށުން އެ ޓީމުން ގެނައި ދެވަނަ ކުޅުންތެރިޔާއެވެ. އެ ޓީމުން ވަނީ ދާދިފަހުން ބުރު ސް÷ޯޓްސް ކުލަބުށް ކުޅެމުން އަންނަ ގައުމީ ކީޕަރު މުޙައްމަދު ފައިސަލްގެ ސޮއި ހޯދާފައެވެ.
ކުލަބު އީގަލްސްގައި މިހާރުވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒޭއަކީ ލޯކަލް މުބާރާތްތަކުގައި ތަފާތު ދައްކާފައިވާ ކުޅުންތެރިއެކެވެ.
އެގޮތުން 2017 ވަނަ އަހަރުގައި އީގަލްސްއިން ފުރަތަމަ ޑިވިޝަނުގެ ފުޓުބޯޅައިގެ ކެރިއަރު ފަށާ، އޭނާ ވަނީ 19 އަހަރުން ދަށާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. އަދި 2015 ވަނަ އަހަރު އީގަލްސްއަށް ޕްރެޒިޑެންޓްސް ކަޕު ހޯދައިދިން ލަނޑު ޖެހީވެސް ރިޒޭއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމުނުއިރު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައެވެ. އެއާއެކު އެ ޓީމުން ވަނީ ދެވަނަ ބުރާ ކުރިމަތިލާއިރު ޓީމަށް ގިނަ ބަދަލުތަކެއް ގެންނަން ނިންމާފައެވެ.