ލާމަސީލު ލާމު އަތޮޅު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ތަށި ލ. މާވަށަށް ނިސްބަތްވާ އަކިރިކޮޅު ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން އަކިރިކޮޅުން ހޯދީ ފައިނަލުގައި އައިލެންޑާސް ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ސެޓު އަކިރިކޮޅުން ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 25-20 އިންނެވެ. ނަމަވެސް ދެވަނަ ސެޓުގައި އަކިރިކޮޅުން ވަނީ ސެޓުގެ ފަހުކޮޅު ދެއްކި ތަފާތާއެކު 25-23 އިން ސެޓު ހޯދާފައެވެ.
އެއަށްފަހު ޖެހިގެންއައި ދެ ސެޓު އަކިރިކޮޅުން ކާމިޔާބުކުރީ 25-19 އަދި 25-19 އިންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެމްޕިއަން އަކިރިކޮޅު ޓީމުގެ ޝަމާއިލް ހުސެއިނެވެ. އޭނާ ވަނީ ފައިނަލް މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ކުޅެފައެވެ.
މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އައިލެންޑާސް ސްޕޯޓްސް ކުލަބުގެ މުޙައްމަދު ނައުފަލް ނަސީރެވެ. އެންމެ މޮޅު ކޯޗަކަށް ޗެމްޕިއަން އަކިރިކޮޅު ސްޕޯޓްސް ކުލަބުގެ މޫސާ އަލީ ހޮވުނުއިރު، އެންމެ މޮޅު ލިބެރޯއަކަށް ހޮވުނީ އައިލެންޑާސްގެ ހުސެއިން ޝަފީގެވެ.
އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން އަކިރިކޮޅުގެ ހުސެއިން ނިލާމް، ޝަމާއީލް ހުސެއިން، އާދަމް ހަލީލް، މުހައްމަދު ރިމާޒްގެ އިތުރުން އައިލެންޑާސްގެ އާދަމް ނަސީމް (އެޑަމް)، އަލީ ހުޒާމް (ހުޒަންޓޭ) އެވެ.
އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި މުބާރާތަކީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތެވެ. މިއަހަރުގެ މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލީ ގިނަބައެއްގެ އެހީތެރިކަމާއެކު އެވެ.