އަޅުގަނޑުގެ ނިންމުމަށް ބަދަލެއް ނާދޭ، އެމްޑީޕީއާއެކު މަސައްކަތެއް ނުކުރާނަން: އުމަރު

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އެޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒާ ފޯމު ހަވާލުކުރައްވަނީ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އޭނާގެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށާއި އިދިކޮޅު އެމްޑީޕީއާ އެކު މަސައްކަތް ނުކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިއަދު "ސަން" އަށް ވިދާޅުވީ އެމްޑީޕީއާ އެކު ބައިވެރިވުނުވުމުގެ ސްޓޭންޑަކީ ކުރިން ނަގާފައިވާ ސްޓޭންޑެއް ކަމަށާއި އެ ނިންމުމަށް ބަދަލެއް ނާންނަ ކަމަށެވެ.

އުމަރު ވިދާޅުވީ އިދިކޮޅު ކޯލިޝަނާއެކު ޖުމްހޫރީ ޕާޓީން ބާއްވާ އެއްވެސް ހަރަކާތަކުން އޭނާ ނުފެންނާނެ ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހު އުމަރު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. ސޮއިކުރެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ އޭނާ އެޕާޓީއާ ގުޅިވަޑައިގަތީ "ރާއްޖޭގެ ތިން ވަނަ ޕާޓީން ވެރިކަން ކުރާ ޕާޓީއަކަށް ބަދަލުވުމުގެ ޝައުގުވެރިކަން ހުރިނަމަ އެކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް" ކަމަށެވެ.

ތިން ވަނަ ޕާޓީގެ ގޮތުގައި އަދިވެސް އޮތުމުގެ ޝައުގުވެރިކަން އެ ޕާޓީގައި އޮތްނަމަ އޭނާގެ ޚިދުމަތް މުހިންމެއް ނުވާނެ ކަމަށާއި ތިން ވަނަ މަގާމްގައި އަދި އިތުރު 20 އަހަރު ވެސް ޖުމްހޫރީ ޕާޓީއަށް މަޑުކޮށްލެވިދާނެ ކަމަށް އެ ރަސްމިއްޔާތުގައި އުމަރު ވަނީ ވިދާޅުވެފައެވެ.

އެ ރަސްމިއްޔާތުގައި އުމަރު ވިދާޅުވީ ޖުމްހޫރީ ޕާޓީ މިވަގުތު އޮތީ ގުޅިފައިވާ ކޯލިޝަނެއްގެ ތެރޭގައިކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ކޯލިޝަން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެވޭތޯ މަސައްކަތްތަކެއް ކުރެވެމުންދާކަން ވެސް އެނގިވަޑައިގަންނަވާ ކަމަށާއި އެއީ ވަރަށް މުހިންމު މަސައްކަތެއް ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތުގައި "ޖޭޕީން ފުރިހަމަ އެއްބާރުލުން ދެއްވާނެ" ކަމަށެވެ.

އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ކޯލިޝަނަށް އެއްބަސްވުމަކަށް ނާދެވޭ ހާލަތެއްގައި ގުޅިފައިވާ ކޯލިޝަން "ވާނުވާ ޖަހާފަ" ރިޔާސީ އިންތިޚާބު ގައިދަށު ވަންދެން ކޯލިޝަން ވެސް އަދި ޖުމްހޫރީ ޕާޓީ ވެސް އޮންނަންވާނެ ކަމަށް އޭނާ ނުދެކޭ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

"އެއްބަސްވުމަކަށް ނާދެވޭ ހާލަތެއްގައި ވެސް ގުޅިފައިވާ ކޯލިޝަނަށް ވާނުވާ ޖަހާފަ، ރިޔާސީ އިންތިޚާބު ގައިދަށު ވަންދެން ކޯލިޝަން ވެސް އަދި ޖުމްހޫރީ ޕާޓީ ވެސް އޮންނަންވާނެ ކަމަށް އަޅުގަނޑު ނުދެކެން. ގޮތެއް ނުނިމި ޕާޓީތައް ވާނުވާގައި އޮންނަ ކޮންމެ ދުވަހަކީ ވާދަވެރިޔާއަށް ލިބޭ ވަގުތު،" ޖޭޕީއަށް ސޮއިކުރި ރަސްމިއްޔާތުގައި އުމަރު ވިދާޅުވިއެވެ.

އުމަރު ޖޭޕީއަށް ސޮއިކުރުމުން އިދިކޮޅު އެމްޑީޕީން އަންނަނީ އެކަމާ ނުރުހުންފާޅުކުރަމުންނެވެ. ސޯޝަލް މީޑިއާގައި އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުން ދަނީ އުމަރަކީ އިދިކޮޅު ކޯލިޝަން "ފަނިކުރުމަށް ރައީސް ޔާމީން ފޮނުވާފައިވާ އެޖެންޓެއް" ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓުން މިހެން ބުނަމުން އަންނައިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެޕާޓީގެ އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އުމަރާ މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ އަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވާ އަދި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެއްކަމަށާއި އެ ޕާޓިއާ ގުޅުމުގެ ހައްގު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ.
އުމަރަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމުގެ ތަޖުރިބާކާރު ހިތްވަރުގަދަ ބޭފުޅެއް ކަމަށް ވެސް ޖޭޕީ އިސްބޭފުޅުންަށް ގާސިމް ފޮނުއްވި މެސެޖުގައިވެއެވެ.

އުމަރަކީ އިދިކޮޅު ކޯލިޝަން "ފަނިކުރުމަށް ރައީސް ޔާމީން ފޮނުވާފައިވާ އެޖެންޓެއް" ކަމަށް އެމްޑީޕީގެ އެކްޓިވިސްޓުން ބުނަމުންގެންދާ ބުނުމަށް ރައްދު ދެއްވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރިޔާޒު ރަޝީދު ވިދާޅުވީ އެމްޑީޕީން އުޅެނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ގަޑުބަޑުކުރަން ކަމަށެވެ.

ރިޔާޒު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެވޭތީ އެމްޑީޕީން ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓެއް ނުނެރޭނެ ކަމަށާއި ކެންޑިޑޭޓެއް ނުނެރެ އެޕާޓީން އުޅެނީ ރިޔާސީ އިންތިޚާބު ގަޑުބަޑުކޮށް ހާޖާނު ހިންގަން ކަމަށެވެ.

comment ކޮމެންޓް