ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަކީ ޝައްކެއްވެސް ނެތް ގޮތުގައި ސިޔާސީ ތަނެއް ކަމަށާއި އެ ތަނުގައި ކުރިއަށްދަނީ ފުޓްބޯޅައިގެ ސިޔާސަތު ކަނޑައެޅުމުގެ މަސައްކަތް ކަމަށް އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.
އެފްއޭއެމްގެ ތެރޭގައި ސިޔާސީ މަސައްކަތްތައް ކުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އެއީ ތެދެއް ކަމަށެވެ.
އެފްއޭއެމްއާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ، އެފްއޭއެމްއަކީ ރާއްޖޭގެ ފުޓްބޯޅައާ ބެހޭ ސިޔާސަތުތައް ކަނޑައަޅާ އެންމެ މަތީ އިދާރާއަށް ވާއިރު އެ އިދާރާތެރޭގައި ފުޓްބޯޅައާ ގުޅޭ ސިޔާސީ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ވިދާޅުވީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ މަސައްކަތްތައް ކުރިއަށްދާ ކަަމަށް ބުނުމަކީ މާބޮޑު ޖޯކަކަށް ނުވާ ކަމަށެވެ.
ބައްސާމް ވިދާޅުވީ، މި އަހަރު ރާއްޖޭގެ ހުރިހާ އުމުރުފުރާއެއްގެ ގައުމީ ޓީމްތައް ހިމެނޭ ގޮތަށް ދިވެހިންގެ ގޯލަށް ޖަހާފައިވަނީ 26 ލަނޑު ކަމަށާއި އެ 26 ލަނޑަކީ ފުޓްބޯޅަ ކުރިއެރުވުމަށް ބަޔަކު ކުރަން ޖެހޭ މަސައްކަތް މިވީހާތަނަށް ނުކޮށް ދޫކޮށްލުމުގެ ނަތީޖާ ކަަމަށެވެ. އޭނާ ވިދާޅުވީ، އެފްއޭއެމުން މަސައްކަތް ކުރާނީ އެ 26 ލަނޑަކީ ކުރިއެރުން ބައްޓަން ކުރުމަށް ލިބޭ އިބުރަތެއްގެ ގޮތުގައި ބަލައިގެން ކަަމަށެވެ. އަދި ވިދާޅުވީ އެ ނަތީޖާ ތަކުގެ ފައިދާ އޭނާ ނަންގަވާނީ ފުޓްބޯޅަ ކުރިއެރުވުމަށް ކަމަށެވެ.
ބައްސާމް ވިދާޅުވީ، އޭނާއަށް މިވީ މުއްދަތުގެ ތެރޭގައި ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މަގާމަށް އައުމަށްޓަކައި ކުރިން ވެވުނު ވައުދުތައް ފުއްދެމުން ދިޔުން ކަމަށާއި އެގޮތުން ކްލަބްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބިގެން ދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
އަތޮޅު ތެރޭގެ ފުޓްބޯޅަ ކުރިއަރުވައި މަތީ ފަންތީގެ ފުޓްބޯޅައިގައި އެ ރަށްރަށުގެ ޓީމުތަކަށް ވާދަކުރެވޭ ގޮތް ހެދުމަކީ ލިބިގެންދިޔަ ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ބައްސާމް ވިދާޅުވީ، އެފްއޭއެމަށް ތަފާތު ޕްރެޝަރުތައް ކުރިމަތިވާ ކަމަށާއި ނަމަވެސް އެފްއޭއެމްގައި ތިބީ ޕްރެޝާރާ އެކުވެސް ނަތީޖާ ނެރެވޭ ވަރުގެ ޓީމެއް ކަމަށެވެ. އަދި އެ އިދާރާއިން އަބަދުވެސް މަސައްކަތް ކުރަނީ ފުޓްބޯޅައަށް ވީހާވެސް ފައިދާ ބޮޑުވާނެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ވިދާޅުވިއެވެ. އަދި އަބަދުވެސް ބިނާ ކުރުވަނިވި ފާޑުކިޔުންތަކަށް ފުރުޞަތު ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
މި އަހަރުގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމު ތަކުގެ ނަތީޖާތައް ދަށަށްގޮސް ގިނަ ބައެއްގެ ފާޑުކިޔުންތައް އެފްއޭއެމްއާ ބައްސާމަށް އަމާޒުވަމުންދާއިރު މިއީ ބައްސާމް އެ ފާޑު ކިޔުންތަކަށް މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައްދު ދެއްވި ފުރަތަމަ ފަހަރެވެ.