އުމަރު ޖޭޕީއާ ގުޅުމުން ކޯލިޝަން ބައެއް މެމްބަރުންގެ ހިތްހަމަ ނުޖެހުން!

އުމަރު ޖޭޕީއަށް ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަންފޮޓޯ/ މުހައްމަދު އަފްރާހް

ވޭތުވެ ދިޔަ ހަފްތާއަކީ ސިޔާސީ ގޮތުން ޖުމްހޫރީ ޕާޓީއަށް އަނެއްކާ ވެސް އާ އުންމީދުތަކެއް، އާ ފެށުމަކަށް ވެދާނެ ހަފުތާއަކަށްވެދާނެ އެވެ. އެއީ އެ ޕާޓީގެ ދައުވަތަކަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގަތުމުންނެވެ. އުމަރު ސޮއި ކުރެއްވުމުގެ ކުރިން ރަސްމިއްޔާތަށް ޖޭޕީގެ އާންމު ގިނަ މެމްބަރުންތަކެއް ވެސް އެއްވި އެވެ.

ދެން އޮތީ އުމަރު ޖޭޕީއާ ގުޅުމުން ގުޅިފައިވާ ސިޔާސީ ޕާޓީތައް އެގޮތުގައި ދެމި އޮންނާނެތޯ އުފެދޭ ސުވާލެވެ؟ އަދި އުމަރަށް ޖޭޕީން ދައުވަތު ދިނީ ޕާޓީގެ އާންމު މެމްބަރުންގެ ކިހާވަރެއްގެ ތާއީދަކާއެކުތޯ އުފެދޭ ސުވާލެވެ.

"އުމަރު ޖޭޕީއާ އާ ގުޅިއްޖެއްޔާ މަ ޖޭޕީން ވަކިވާނަން" މިއީ އެ ޕާޓީގެ ވަރަށް ގިނަ މެމްބަރުން އެ ރަސްމިއްޔާތުގެ ކުރިން ވެސް ސޯޝިއަލް މީޑިއާގައި އަޑު އުފުލަމުން ދިޔަ ގޮތެވެ. އެހެންވީމަ މައްސަލަ ފެށެނީ ވެސް ޖޭޕީ ތެރެއިންންނެވެ.

އުމަރު ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓިގެ މަޖިލިސް މެމްބަރުންގެ ތެރޭން ބައިވެރިވީ ދެ މެމްބަރުންނެވެ. އެއީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކިނބުދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރު އެވެ.

ނަމަވެސް ގިނަ އަދަދެއްގެ އާންމުން ބައިވެރިވި އެވެ. ހަފްލާގައި އުމަރު ދެއްކި ވާހަކަ ކަނުލާ އަޑުއަހަން ތިބި އާންމު މެމްބަރުން އެއް މެމްބަރަކު އަނެއް މެމްބަރަކަށް ބުނާ އަޑުއިވުނީ "ވާހަކަ ރަނގަޅު. ދެން ވާނެ ގޮތެއް ނޭނގޭ" ކަމަށެވެ.

އެއާ އެކު ސޯޝިއަލް މީޑިއާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެމްބަރުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ. ތިމަރަފުށި ދާއިރާގެ މަޖިލިސް މެމްބަރު ކަމުން ވަކިކުރި މުހައްމަދު މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އުމަރަކީ ސިޔާސީ އެއްވެސް ރައުސުލްމާލެއް ހުރި މީހެއް ނޫން ކަމަށެވެ.

"އުމަރަކީ ސިޔާސީ އެއްވެސް ރައުސުލްމާލެއް ހުރި މީހެއް ނޫން. މަޖިލިސް މެމްބަރެއް ނޫން. ތިމާ ފަހަތުގައި ރައްޔިތުންތަކެއް ތިބި މީހެއް ނޫން. މީހުންނާ އެކު އުޅެން އެނގޭ ކަހަލަ މިޒާޖެއް ތިމާގެ ހުރި މީހެއް ނޫން. ހަރަދު ކުރެވޭނެ ފެންވަރެއް ހުރި މީހެއް ނޫން. ދެން މީ ކާކު.؟" މުސްތަފާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

މުސްތަފާ ވަނީ އުމަރު ޖޭޕީއާ ގުޅުމުން ހިތްހަމަ ނުޖެހުން ފާޅުކޮށް ވަރަށް ގިނަ ޓުވީޓް ކުރައްވައިފަ އެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގައި ކަތުރުފަނި އެޅި ކަމަށް ވެސް ބުންޏެވެ. ރައްޔިތުން އުމަރު ދެކެ އިންތިހާ އަށް ރުޅި އަންނަ ކަމަށް ވެސް ބުންޏެވެ.

މުސްތަފާގެ ޓުވީޓްތަކާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފު) ވިދާޅުވީ ދައްކަންވީ މުހިންމު ވާހަކަ ކަމަށެވެ. އުމަރުގެ ވާހަކަ ހުއްޓާލަން ވެއްޖެ ކަމަށެވެ.

މަވޯޓާ ޝަރީފުގެ ވާހަކަތަކުން ވެސް އުމަރަކީ މުހިންމު މީހެއްގެ ގޮތުގައި ނުދެކޭކަން ހާމަވެ އެވެ.

އިދިކޮޅު ކޯލިޝަނުގެ ބައެއް އާންމު މެމްބަރުން އަވަދިނެތި ދަނީ އުމަރާ ދެކޮޅަށް ސޯޝިއަލް މީޑިއާގައި ކެމްޕޭން ކުރަމުންނެވެ.

އުމަރު ސޮއިކުރެއްވި ރަސްމިއްޔާތުގައި ރިޔާޒު ވިދާޅުވީ އުމަރު ޖޭޕީއަށް ސޮއިކުރެއްވުމުގެ ކުރިން ކޯލިޝަން ޕާޓްނަރުންނާ މަޝްވަރާ ކުރި ކަމަށާއި އުމަރު ގުޅުމަކީ ކޯލިޝަން އިތުރަށް ވަރުގަދަވާނެ ކަމެއް ކަމަށެވެ.

ނަމަވެސް މަންޒަރު ފެންނަނީ މުޅިން ތަފާތުކޮށެވެ. އުމަރާ މެދު ހިތްހަމަ ނުޖެހުން ފާޅުކުރާ ކޯލިޝަން މެމްބަރުން ގިނަކަން ސޯޝިއަލް މީޑިއާ އިން އެނގެ އެވެ.

އެކަމާ ގުޅިގެން ޕާޓީތަކުގެ ވެރިން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އުމަރު ޖޭޕީއާ ގުޅުމުން އުމަރަަށް މަރުހަބާ ކިޔާ އެއްވެސް ވާހަކައެއް ވެސް ދައްކާފައެއް ނުވެ އެވެ.

comment ކޮމެންޓް