ގާނޫނު އަރާ ހަމަކުރަން ފުރުސަތުދިން ސަރުކާރެއް މިނޫނީ ނެތް: ނިހާން

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު --- ސަން ފޮޓޯ: ފަޔާޒު މޫސާ

ގާނުނު އަރާ ހަމަކުރުމަށް މި ސަރުކާރުން ދިން ފުރުސަތާ އެއްވަރަށް ފުރުސަތު ދިން ސަރުކާރެއް ރާއްޖޭގެ ތާރީޚު ވެސް ދެކެފައިނުވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ބ. ކަމަދޫގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މި ސަރުކާރުން ގާނޫނު އަރާ ހަމަކުރުމަށް ފުރުސަތުދޭނެ ކަމަށާއި ގާނޫނު ތަންފީޒުކުރުމުގައި ސަރުކާރުގެ އިސް މީހަކަށްވީތީ ފަސްނުޖެހޭނެ ކަމަށެވެ.

"ރާއްޖޭގެ ތާރީޚުގައިވެސް ގާނޫނު އަރާ ހަމަކުރުމުގެ ފުރުސަތުދިން ސަރުކާރެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ފިޔަވާ ނޯންނާނެ. އެއީ މިއަދު ޕީޕީއެމްއާ ގުޅޭ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ ކަމެއް،" ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ ދިވެހީން އުޅެމުން އަންނަނީ އިސްލާމީ އުސޫލާއި ސަގާފަތާއެއްގޮތަށް ކަމަށާއި އެކާ ގުޅިގެން ބޭރުގެ ބަޔަކަށް ބަސް ނުކިޔޭނެ ކަމަށެވެ.

"ދީނީ މަތިވެރި ޝިއާރުތައް މި ސަރުކާރުން އަބަދުވެސް ދަމަހައްޓާނެ،" ނިހާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ މީހުންނަށް ތަރައްގީ އަކީ އެ ޕާޓީގެ ދިދަ ނަގައި ދެއިރު ދެދަޅައަށް ބޭލުން ކަމަށާއި އެ ޕާޓީގެ މީހުންނަށް ހަގީގީ ތަރައްގީ ނޭނގޭ ކަމަށެވެ.

"ހަގީގީ ތަރައްގީ އެމްޑީޕީ މީހުންނަށް ނުފެންނަނީ ބުއްދި ގޯސްވެފައިވާތީ. އެމްޑީޕީ ފިކުރަކީ ފަނާވަނިވި ފިކުރު،" ނިހާން ވިދާޅުވިއެވެ.

comment ކޮމެންޓް