ޕޮލިސް ކްލަބްގެ މައްޗަށް ކުރިހޯދައި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމުން ސީލައިފް ގްލޯބަލް ގައުމީ ވޮލީބޯޅަ މުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-18، 25-21، 24-26 އަދި 25-11 އިންނެވެ. މެޗު ފަށައިގެން މިސްކިތްމަގުން ވަނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެން ފަށައިފަ އެވެ. އެ މެޗުގައި ވެސް މިސްކިތްމަގަށް ތަފާތު ދެއްކީ އެ ޓީމަށް މިފަހަރު ގައުމީ ލީގުން ފެށިގެން މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭޕާލްގެ ޕްރަތީބާ މާލީ އާއި ނިރްމަލާ އެވެ.
ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މިސްކިތްމަގުގެ ޕްރަތިބާ އެވެ. މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް އެ ޓީމުގެ ނިރްމަލާ ވަނީ ހޮވިފައެވެ. އެންމެ މޮޅު ދިވެހި ކުޅުންތެރިއަކީ ހަަމަ އެ ޓީމުގެ ސެޓަރު ޖޫޒާން އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި ޕޮލިސް އަތުން މިސްކިތްމަގު މޮޅުވީ 3-1 ސެޓުންނެވެ. މިފަހަރު ވެސް މިސްކިތްމަގުން ތަށި ދިފާއުކުރީ 3-1 ސެޓުން މެޗު ކާމިޔާބު ކޮށްގެންނެވެ. ގައުމީ އަންހެން ވޮލީ ބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ހިމެނޭ މިސްކިތްމަގުން ގައުމީ ލީގު ކާމިޔާބުކުރީ ވެސް މެޗަކުން ބަލިނުވެ އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަން ފައިނަލުގައި އާދިއްތަ ދުވަހުގެރޭ ބައްދަލުކުރާނީ މޯލްޑިވިއަން އާއި ސިފައިންގެ ކުލަބެވެ. މޯލްޑިވިއަން ފައިނަލަށް ނިކުންނާނީ ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމަށެވެ.