އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ފުޓްބޯޅަ އެހެން މަންޒިލަކަށް ގެންދިއުން: މައުރޫފް

ސިޔާމް މައުރޫފް ސޮކާ ކަޕްގެ ދެ ބާނީން ކަމަށްވާ އަހްމަދު ސިޔާމް މުހައްމަދާއި އަލީ މައުރޫފް --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސިޔާމް މައުރޫފް ސޮކާ ކަޕް ބޭއްވުމުގެ ބޭނުމަކީ ދިވެހި ފުޓްބޯޅަ އެހެން މަންޒިލަކަށް ގެންދިއުން ކަމަށް މުބާރާތުގެ އެއް ބާނީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދު ދާއިރާގެ މެމްބަރު އަލީ މައުރޫފު ވިދާޅުވެއްޖެއެވެ.

ނ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސިޔާމް މައުރޫފް ސޮކާ ކަޕާ ގުޅޭންގޮތުން ސަން ޓީވީގައި ރޭ ވާހަކަފުޅުދައްކަވަމުން މައުރޫފު ވިދާޅުވީ އެ މުބާރާތަކީ ވަރަށް މާތް މަގްސަދެއްގައި ބާއްވާ މުބާރާތެއް ކަމަށާއި ބޭނުން ވަނީ ދިވެހި ފުޓްބޯޅަ ކުރިއަރުވަން ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ ދިވެހި ފުޓްބޯޅަ އަށް ކުރިއެރުން ގެނެސްދިނުން. ދިވެހިންގެ ތެރޭގައި ހާއްސަކޮށް އަތޮޅު ތެރޭގައި ފުޓްބޯޅަ އަށް އޮތް ލޯބި އިތުރު ކުރުން. މިހާރު ވެސް މި މުބާރާތަކީ އަތޮޅު ތެރޭގައި ބޭއްވޭ އެންމެ މަގްބޫލު މުބާރާތް. މި މުބާރާތް މިދަނީ އަހަރުން އަހަރަށް ފުޅާ ވަމުން،" މައުރޫފު ވިދާޅުވިއެވެ.

މިދިޔަ އަހަރެކޭ ވެސް އެއްފަދައިން ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލް މެޗަށް ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ލެޖެންޑެއް ރާއްޖެ ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކުރީގެ ޗެލްސީ އަދި އައިވަރީ ކޯސްޓުގެ ފޯވާޑް ޑިޑިއޭ ޑްރޮގްބާ އެ މުބާރާތުގެ ފައިނަލް މެޗަށް މިއަދު ރާއްޖެ އަންނާނެއެވެ.

މައުރޫފު ވިދާޅުވީ ބޮޑު ހޭދައެއް ކޮށްގެން ނަން މަޝްހޫރު ކުޅުންތެރިޔަކު އެ މުބާރާތުގެ ފައިނަލް މެޗަށް ގެނައުމުގެ ބޭނުމަކީ ވެސް ފުޓްބޯޅަ އަށް އޮންނަ ފޯރި ދިވެހިންގެ ތެރޭގައި އިތުރުކުރުން ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ވެސް ޕާފޯމް ކުރުމުގައި އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

"ޑްރޮގްބާ އަކީ ޗެލްސީ އަދި އައިވޮރީ ކޯސްޓުގެ ލެޖެންޑެއް. ޗެލްސީ އަކީ ސަޕޯޓަރުން ގިނަ ކުލަބެއް. ރާއްޖޭގައި ވެސް ޑްރޮބާ ކަހަލަ މަޝްހޫރު ކުޅުންތެރިއެއް ފޮލޯ ކުރާ ބައިވަރު ޒުވާނުން އެބަތިބި. ނ. އަތޮޅު މުބާރާތް ފަދަ ބޮޑު މުބާރާތަކަށް އޭނަ ގެނައުމަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުމަށް ލިބޭ ހިއްވަރެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މައުރޫފު ވިދާޅުވިއެވެ.

މައުރޫފު ވިދާޅުވީ ޑްރޮގްބާ އަކީ އެފްރިކާގެ ފުޓްބޯޅަ އަށް އެންމެ ބޮޑު ހޭދައެއް ކުރާ އެއް ކުޅުންތެރިޔާ ކަމަށާއި އެފަދަ ކުޅުންތެރިއެއް ރާއްޖެ ގެނައުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި މިގޮތަށް ކުޅުންތެރިން ގެނައުމުގައި އަޚްލާގަށާއި ހުރިހާ ކަމަކަށް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނ. މާޅެންދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ މުބާރާތުގެ ފައިނަލް މެޗުގައި އާދީއްތަ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ ލަންދޫ އާއި މިލަދޫ އެވެ.

ސިޔާމް މައުރޫފް ސޮކާ ކަޕަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް 100،000 ރުފިޔާ، ފެއަރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި ބެސްޓް ސަޕޯޓިން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.

comment ކޮމެންޓް